ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް، އިފްތިތާހުކޮށްފި އެވެ.

މި ޕްލެޓްފޯމަށް އެ ބޭންކުން ދީފައިވާ ނަމަކީ "ކައިންޑްލީ ބައި ބީއެމްއެލް" އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ އަލަށް ތައާރަފްކުރި ޕްލެޓްފޯމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

"ކައިންޑްލީ ބައި ބީއެމްއެލް" އަކީ ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެކެވެ.

އެ ބޭންކުން ބުނިގޮތުގައި މި ޕްލެޓްފޯމަކީ ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭ ގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެއަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް "ކައިންޑްލީ ބައި ބީއެމްއެލް" ގައި ރަޖިސްޓާ ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރެވޭ އޮންލައިން ފަންޑްރެއިޒިން ޕްލެޓްފޯމް ގާއިމްކޮށް އިފްތިތާހު ކުރެވޭކަމީ އެ ބޭންކަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ކްރައުޑްފަންޑިންއަކީ މަގުބޫލުކަމެއް. ކައިންޑްލީގެ ހިޔާލުއައީ ފަންޑްރެއިޒްކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި. އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެންގެ މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެ ކަމަށް އުންމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް މިއަދު ވަނީ އިފްތިތާހުކޮށްފައި.

ކައިންޑްލީއާ ގުޅޭ އިތުރު މައުލޫމާތު https://kindly.bankofmaldives.com.mv އިން ލިބޭނެ އެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:

އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒި ތަރައްގީކުރުމަށް އެހީވުން

މާރިޗު: ސްމޯލް ގްރާންޓްސް

ފެބުރުވަރީ: ހައުސިން ގްރާންޓް

ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް

ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން

ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު