ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ކާގޯ ޑިޕާޓްމަންޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވިޔަސް އޮޕަރޭޝަން މެދުނުކެނޑި ކުރިޔަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ ކާގޯ ޑިޕާޓްމަންޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ޕޮޒިޓިވްވުމުން އެހެން ޑިޕާޓްމަންޓްތަކުން މުވައްޒަފުން ނެރެގެން އޮޕަރޭޝަން މެދުނުކެނޑި ކުރިޔަށް ގެންދާ ކަމަށެވެ.

"ރާއްޖޭގެ އެކްސްޕޯޓް މިދުވަސްވަރު ވަރަށް މަތީގައި އުޅެނީ. އެހެންވެ ކާގޯ ޑިޕާޓްމަންޓުގެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާނެ ގޮތަށް ރާވާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ކާގޯ ޑިޕާޓްމަންޓަކީ އެމްއޭސީއެލްގެ އެންމެ މުހިންމު އެއް އޮޕަރޭޝަނެވެ.

ކާގޯ ޑިޕާޓްމަންޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 57 އިތުރުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވެ އެވެ.

"މި ކްލަސްޓާގެ ތެރެއިން ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި 77 މީހަކު ދެނެގަނެވި، އެ މުވައްޒަފުން އެކަހެރިކޮށް ކަރަަންޓީންކޮށްފައި ވަނީ. ޙާލަތު ބެލުމުގެ ކަންކަން އަދިވެސް ކުރަމުން އެބަދޭ. އެމްއޭސީއެލްގެ ސްޓާފުންގެ އިތުރުން އެތަނަށް އަންނަ ވަރަށް ގިނަ އިތުރު ބަޔަކާ ވެސް ބައްދަލުވާ ސަރަހައްދެއްކަމުން އިތުރު މުއައްސަސާތަކާއި އެހެނިހެން ޕްރައިވެޓް ކޮމްޕެނީޒްތަކާއި ތަންތަނުގެ މީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް އެބަދޭ،" އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީއެ ކްލަސްޓާއާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު އެއާޕޯޓަށް ގޮސް ކާގޯ އޭރިއާގެ މަސައްކަތްތައް ހިނގާގޮތާއި އެތަނުގެ ތެރޭގައި އެޅިފައިހުރި ފިޔަވަޅުތައް ބަލާފައިވާ ކަމަށެވެ.