ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އެސްޓީއޯ އިން ހިންގާ "ކްރެޑިޓް ސްކީމް" މިހާރަށް ވުރެ ފުޅާކޮށް، ބައެއް އާ ވިޔަފާރިތައް ގުޅިއްޖެ އެވެ.

އެސްޓީއޯ ސުޕަމާކެޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކްރެޑިޓް ސްކީމަށް އަލަށް ގުޅިފައި ވަނީ އެސްޓީއޯ ސުޕަމާކެޓުގައި ވިޔަފާރިކުރާ އަމިއްލަ ބައެއް ކުންފުނިތަކެވެ.

އެސްޓީއޯ ސުޕަމާކެޓުގައި ހުރި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން މި ސްކީމަށް ގުޅުނު އެންމެ މުހިންމު އެ ވިޔަފާރިއަކީ ކޮމްޕިއުޓަރުގެ ސާމާނު ވިއްކާ މެކްސްކޮމް ޓެކްނޮލޮޖީސް އެވެ. މީގެ އިތުރުން ޕީކަބޫ އާއި ޕޮއިޒް ފަދަ ވިޔަފާރިތައް ވެސް ހިމެނެ އެވެ.

އެސްޓީއޯއިން ބުނިގޮތުގައި ޑެލް އާއި ވާވޭ އަދި ސެމްސަންގް ފޯނުގެ ވިޔަފާރި ފުޅާކޮށް ރާއްޖޭގައި ކުރާ މެކްސްކޮމް ކްރެޑިޓް ސްކީމަށް ގުޅުމާއެކު މި ސްކީމު ވަނީ އިތުރަށް ފުޅާ ވެގެން ގޮސްފަ އެވެ. މީގެ އިތުރުން ޕޮއިޒްފަދަ ވިޔަފާރިތައް ގުޅުމަކީ ވެސް ގަނޑުކޮށް މުދާ ނަގަން ޝައުގުވެރިވާ ބައެއް މީހުންނަށް ފުރުސަތު ފަހިވާނެ ކަމެކެވެ.

އެސްޓީއޯ ކްރެޑިޓް ސްކީމުން މުދާ ނެގޭނީ

  • އެސްޓީއޯ މުވައްޒަފުން އަދި ކްރެޑިޓަށް އެއްބަސްވެފައިވާ ފަރާތްތައް
  • ވަޒީފާގައި އުޅޭތާ ހަ މަސް ވުމުން ކްރެޑިޓް ސްކީމުގައި ބައިވެރިވެވޭނެ
  • ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި އެޕްރޫވްވާނެ
  • ޕީޕަލްސް ޗޮއިސް އަށް ދިއުމުން މުދާ ނެގޭނެ

އެސްޓީއޯ ކްރެޑިޓް ސްކީމުން މިހާރު ލިބެނީ އެސްޓީއޯގައި ހުރި މުދަލެވެ. އެސްޓީއޯއަކީ ދުނިޔެއަށް މަޝްހޫރު ހިޓާޗީގެ ބޮޑު ރޭންޖެއްގެ އިލެކްޓޯނިކްސް އައިޓަމްސްތައް ގެންގުޅޭ ކުންފުންޏެކެވެ.