ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، ތަންތަނަށް ގޮސް އަދި އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށް، 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވާލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައި ވީ ނަމަވެސް، އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި އަދި ފެންވަރު ރަނގަޅު، ހާއްސަކޮށް އަތޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ގާނޫނީ ނިޒާމުގައި ހުރި ފަރަގުތަކުގެ އިތުރުން، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިވެ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގޮނޑުދޮށްތައް ގިރުން ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ ސަބަބުން ލާމަރުކަޒުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފުމުގެ ބޭނުންތެރިކަން އިތުރަށް ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން، ޖަޒީރާ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރަމުންދެ އެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ދިއުން އިތުރަށް ހަލުވިވެ، އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމުތަކާއި ސިއްހީ ހިދުމަތްތައް އޮންލައިންކޮށް ހޯދުމާއި އޮންލައިންކޮށް ކިޔަވައިދިނުން ފަދަ އާ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް އުފެދުން ވަނީ އިތުރުވެފައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "މި ފުރުސަތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ތަރައްގީ ހާސިލްކުރުމުގެ އިތުރުން، މިހާރަށް ވުރެ ރަނގަޅު އިގްތިސާދެއް ބިނާކުރަން ރާއްޖެއަށް އާ ފުރުސަތުތަކެއްގެ ބޭނުން ހިފިދާނެ."

އަލަށް ފަށާ 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'ގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށާއި އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗާ އާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް، ކަމާ ބެހޭ އިދާރާތައް ވަރުގަދަކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ އެވެ. މީގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން، ހުރި ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ހަރުދަނާކުރުން ހިމެނެ އެވެ.

"ރާއްޖޭގައި ބޭނުންކުރާ އައިޑީ ނިޒާމާއި ޑިޖިޓަލް އޮތެންޓިކޭޝަން ނިޒާމު ޒަމާނީ ކުރުމުގެ ސަބަބުން މާލީ، ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ފަދަ ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އޮންލައިންކޮށް އަދި އޮފްލައިންކޮށް އިތުބާރު ކުރެވޭ މުއާމަލާތްތައް ކުރުމަށް މަގުފަހިވެގެންދާނެ،" މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ސިދާރުތާ ރާޖާ ވިދާޅުވި އެވެ.

މޫސުމާ ގުޅުންހުރި ޑޭޓާ ހިއްސާކޮށް އަދި އެ ޑޭޓާގެ އެނަލިސިސް ހެދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޑޭޓާއަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ރޭވުން ހަރުދަނާކުރުމަށް އެންމެ ފަހުގެ ޒަމާނީ ކްލައިމެޓް ޑޭޓާ ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެ އެވެ.

"މި މަޝްރޫއުގެ ސަބަބުން މިހާރަށް ވުރެ ރައްކާތެރި އަދި ޒާތީ މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓޭނެ އައިޑެންޓިފިކޭޝަން ނިޒާމުތަކާ އެކު، އިންޓަނެޓް މެދުވެރިކޮށް އިތުރު އަދި އަގުހެޔޮ ހިދުމަތްތައް ފޯރުކޮށްދެވޭނެ،" މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ޖެރޯމް ބެޒީނާ ވިދާޅުވި އެވެ. "ހަމަ އެއާ އެކު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދީ، ޑޭޓާ އާއި އެނަލިޓިކްސް ރަނގަޅުވެގެންދާނެ."

މި މަޝްރޫއު ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ.