މިދިޔަ އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކާފައި ވަނީ ކ. އަތޮޅުންނާއި ދ. އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 87.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް އޭޕްރީލް މަހު ދެއްކި ފައިސާގެ ތެރެއިން 29.6 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ ދ. އަތޮޅުން، އޭޕްރިލް މަހު ވަނީ 8.2 މިލިއަން ރުފިޔާ ލިބިފަ އެވެ. ތިންވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 8.1 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ކ. އަތޮޅުން 29.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން 28.3 މިލިއަން ރުފިޔާއަކީ ރިސޯޓުތަކުން ލިބިފައިވާ ފައިސާ އެވެ. އަދި ބާކީ 1.3 މިލިއަންއަކީ ކ. އަތޮޅުގައި ހިންގާ ގެސްޓު ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ އެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފ. އަތޮޅާއި، ފުވައްމުލަކާއި، އައްޑު އަތޮޅެވެ. އެގޮތުން ފ. އަތޮޅުން އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 7،823 ރުފިޔާ އެވެ. ފުވައްމުލަކުން ލިބުނީ 18،784 ރުފިޔާ އެވެ. އައްޑޫން އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި 22،1737 ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.