މިދިޔަ 5 އަހަރު ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުން ނެގި ލޯނަށްވުރެ އިތުރަށް މިސަރުކާރުން 17 ބިލިއަން ރުފިޔާގެ ލޯނު ނަގައިފި އެވެ.

މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުންނެވެ.

ތަފާސްހިސާބަށް ބަލާއިރު، މި ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައިު 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނަގާފައިވެ އެވެ. އެއީ ޖުމްލަ 37 ބިލިއަން ރުފިޔާ އެވެ. މި ސަރުކާރުން އެންމެ ގިނަ އަދަދަކަށް ލޯނު ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން އެކަނި ފާއިތުވި 4 އަހަރު ތެރޭގައި 19 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ.

އޭގެ ތެރޭގައި ބުރިޖު މަޝްރޫޢަށް އެކަނި 6.2 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ. އަދި އިތުރު މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން 12.3 ބިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ވެސް ނަގާފައިވަނީ އެ ގައުމުގެ އެގްޒިމް ބޭންކު މެދުވެރިކޮށެވެ.

ރާއްޖޭގެ ދަރަނީގެ ޙާލަތު ކަންބޮޑުވާ ހިސާބަށް ގޮސްފައިވާއިރު ރާއްޖެއިން ދަރަނިތައް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން، ދައްކަމުންދާ އެއްޗެއް. އެގޮތުން މިއަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ޔަގީންކަމާއެކު އަޅުގަނޑު ދަންނަވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.