ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެލުގެ ގޮތުގައި މިހާރު ރާއްޖެއަށް އެތެރެކުރާ ތެލަކީ އިންސާނުންގެ ނޭވާލާ ނިޒާމަށް ގެއްލުންދޭ މާއްދާތައް ނުހިމެނޭ ތެޔޮ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީން އިންތިޒާމްކޮށްގެން ބޭއްވި "އައިއެސްޑީބީ ގްރޫޕް ޕްރައިވެޓް ސެކްޓަ ފޯރަމް"ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ކާބޯތަކެއްޗާބޭހާއި ހަކަތައިގެ ޔަގީންކަން ކަށަވަރުކުރުމުގައި އެސްޓީއޯއިން މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެސްޓީއޯއިން ހަރަކާތްތެރިވާ ދާއިރާތަކުގައި ވެސް ތިމާވެއްޓާއި ރައްޓެހި އުސޫލުތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެލުގެ ގޮތުގައި މިހާރު އެތެރެކުރަނީ ވިހަ މާއްދާތައް މަދު ތެޔޮކަން އަމްރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ރާއްޖޭގެ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ތެލުގެ ގޮތުގައި މީގެކުރިން އެތެރެކުރަމުން ދިޔައީ އިންސާނުންގެ ނޭވާލާ ނިޒާމަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ ސަލްޕާ ކޮންޓެންޓް 2.5 އިންސައްތަ ހިމެނޭ ތެޔޮ. އެހެންނަމަވެސް މިހާރު ރާއްޖެ އެތެރެކުރަނީ ސަލްފާ ކޮންޓެންޓް 0.01 ޕަސެންޓް ހިމެނޭ ތެޔޮ. އަދި ރާއްޖެއަށް އެތެރެކުރާ ތެޔޮ ޓެސްޓުކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ގާއިމްކުރެވިފައި" އޭނާ ވިދާޅުވި އެވެ.

ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރި އެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ދުނިޔޭގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއެކު، ދެމެހެއްޓިނިވި އިގްތިސާދަކަށް ވާސިލުވުމަށް ތިމާވެށީގެ ރޮނގުން އިތުރު ދިރާސާތަކާއި ހޯދުންތައް ހޯދަންޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ މިފަދަ ދިރާސާތައް ކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަން ފާހަގަކުރައްވާ، ބައިނަލްއަގްވާމީ ރިސަރޗް އިންސްޓިޓިއުޝަންތަކާއި، ޔުނިވަރސިޓީތަކަށް އެ ފުރުސަތު އެބައޮތް ކަމަށް އަމްރު ވިދާޅުވިއެވެ.

"ރާއްޖެއަކީ ތިމާވެށީގެގޮތުން ބަލާނަމަ އެންމެ ނާޒުކު އެއް ގައުމު ކަމަށްވާތީ، މިތަނަކީ ކޭސް ސްޓަޑީޒްއާއި ރިސަރޗް ހެދުމަށް އެންމެ އެކަށީގެންވާ ތަން. އެހެންނަމަވެސް، ހިތާމައަކީ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ، އެހާ ކުރިއަރާފައިވާ ނިޒާމެއް ނޫން. އަޅުގަނޑަށް ހީވަނީ ބައިނަލްއަގްވާމީ ރިސަރޗް އިންސްޓިޓިއުޝަންތަކަށާއި ޔުނިވަރސިޓީތަކަށް ސަރވޭތައްކޮށް، ރިސަރޗް ކުރުމުގެ ފުރުސަތު އެބައޮތްހެން. ރިސަރޗްތައްކޮށް އެފޯޑަބަލް ޓެކްނޮލޮޖީތައް އެބަ ގެންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވަނީ އައިޓއެފްސީން އެސްޓީއޯއަށް ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީ 175 މިލިއަން ޑޮލަރަށް ބޮޑުކޮށްދެއްވިކަމަށްޓަކާ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިއީ ރާއްޖޭގެ ބޭހާއި ކާނާއާއި ހަކަތައިގެ ޔަޤީންކަން ކަށަވަރުކުރުމަށް އެކުންފުނިން ކުރާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.