ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދުގެ ނިޔަލަށް ކުރިޔަށްދާ ފުޑް އެންޑް ބެވަރޭޖް (އެފްއެންބީ) ޝޯގައި ކިޗަން އެންޑް ހޯމް އެޕްލަޔަންސް ބްރޭންޑްގެ "ރަސެލް ހޮބްސް" އެސްޓިއޯއިން ތައާރަފްކޮށްފި އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއެންބީ ޝޯގައި މި ބްރޭންޑް ތައާރަފްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ރަސެލް ހޮބްސް" އަކީ އިންގިރޭސިވިލާތުގައި މަޝްހޫރު ބްރޭންޑެކެވެ.

އެސްޓީއޯ އިން ބުނީ ހަތްދިހަ އަހަރުވެފައިވާ މި ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް އެ ކުންފުނީގެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މި ބްރޭންޑުގެ ސްލޯ ކުކާ، ސްޓީމާ، ގްރިލް، އެއާ ފްރަޔާ ފަދަ ތަކެތި ލިބެން ހުންނާނެ އެވެ. އަދި ޓޯސްޓަރާއި ސޭންޑްވިޗް މޭކާ އާއި ކޮފީ މޭކާ ފަދަ ތަފާތު ޕްރޮޑަކްޓްތައް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓްކަކަށް ވެސް އެއް އަހަރުގެ ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި މި މަހުގެ 10 އަކާއި ހަމައަށް މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓްތަކަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއަކީ ރަސެލް ހޮބްސް ބްރޭންޑުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.