Advertisement

ބޮޑު ޖާގަ ދޭން އޮތީ އެއްބަސްވެފައި، ހިއްސާ ގަތީ އެގޮތަށް ބަލައިގެން: ޓީއެމްއޭ

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިން އެއްބަސްވެފައިވާ ކަމަށާއި ކުންފުނީގެ ހިއްސާ އެމެރިކާގެ ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ގަނެފައި ވަނީ އެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިއްޔެ ބުނެފި އެވެ.

އަލަށް ހަދަމުން އަންނަ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނައިރު، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ބެލުމަށް ފަހު އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން ވަނީ ހާއްސަ އޮޑިޓެއް ކޮށްފަ އެވެ.

މި މައްސަލަ ބޮޑުވެ، ސަރުކާރުން ވެސް މިކަމުގެ ތެރެއަށް ވަދެފައިވާއިރު، ޓީއެމްއޭ އިން އިސް ނަގައިގެން އިއްޔެ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމަށް ފަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، 10 ޑިސެމްބްރު 2017 ގައި އެމްއޭސީއެލް އިން ޓީއެމްއޭ އަށް ފޮނުވާފައިވާ ސިޓީއެއްގައި، އާ ޓާމިންލް އިން 31،000 އަކަ މީޓަރުގެ ޖާގަ (ބޯޓު މަރާމާތުކުރާ ފެސިލިޓީ ހުންނަ ސަރަހައްދު ހިމެނޭ ގޮތަށް)، ފިކްސްޑް ކުލީގެ ގޮތުގައި އަކަ މީޓަރަކަށް މަހެއްގެ މައްޗަށް 10.35 ޑޮލަރުގެ ރޭޓުން އަދި ވޭރިއަބަލް ޗާޖެއްގެ ގޮތުގައި ޕެސެންޖަރަކަށް ފަސް ޑޮލަރުގެ ރޭޓުން ވާ ގޮތަށް، ޓީއެމްއޭ އަށް ދިނުމަށް އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާކަން ވަރަށް ސަރީހަ ބަހުން ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އެއް ހަފްތާ ފަހުން، 17 ޑިސެމްބަރު 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބެއިން ކެޕިޓަލްގެ އިސްނެގުމުގެ މަތިން އިންވެސްޓަރުންގެ ކޮންސޯޓިއަމަކުން، 500 މިލިއަން ޑޮލަރަށް ގަނެފައި ވަނީ، އެ ސިޓީގައި ދީފައިވާ ކޮމިޓްމަންޓްތަކަށް ބެލުމަށް ފަހު ކަމަށް ޓީއެމްއޭ އިން ބުންޏެވެ.

"ޓީއެމްއޭ އާއި އެމްއޭ.ސީއެލްއާ ދެމެދު އާ ޓާމިނަލް އިން ޓީއެމްއޭ އަށް ދެވޭނެ ޖާގަޔާއި ކުއްޔާ އަދި ކޮންޓްރެކްޓްގެ މުއްދަތާ ގުޅޭ ގޮތުން ލިޔުމުން ވެވިފައިވާ އެއްބަސްވުމެއް އޮތް އޮތުމަކީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަތުމުގެ މުއާމަލާތް ފުރިހަމަ ކުރުމަށްޓަކައި އެންމެ ބޮޑު ބުރުދަނެއް ދެވެނު ކަންކަމުގައި، ބެއިން ކެޕިޓަލް އިން ދިވެހި ސަރުކާރަށް އޭރުގައި ވަރަށް ސާފުކޮށް ބަޔާންކޮއްދެވިފައި ވާނެ އެވެ. އެހެނީ މި އެއްބަސްވުމުގެ ސަބަބުން، ޓީއެމްއޭގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަންސްގެ ހަރަދުތައް ސާފުކޮށް އެނގިގެން ދިޔައީތީ އެވެ. ލިޔުމުން ވެވިފައިވާ މި އެއްބަސްވުން ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމައިފި ނަމަ. ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓްގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ވިސްނާ ބޭރުގެ ފަރާތްތައް ކަންބޮޑުވާނެ އެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޓީއެމްއޭ އިން ވަނީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ހުރި ކަންކަމަށް ވެސް ރައްދު ދީފަ އެވެ. މި އޮޑިޓް މީޑިއާ އަށް ލީކްވެފައިވާއިރު، އޭގައިވާ ގޮތުން އެމްއޭސީއެލް އަށް އަހަރަކު 47.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ. އެހެން ނަމަވެސް، އެމްއޭސީއެލް މަސައްކަތްކޮށްފައި ވަނީ މާ ކުޑަ އަގެއްގައި ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދިނުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ޓީއެމްއޭ އިން ނެރުނު ބަޔާނުގައި އެ ކުންފުނިން ބުނީ، ލީކު ކުރެވިފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޓީއެމްއޭ އަށް އާ ސީޕްލޭން އޮޕަރޭޓްކޮށްގެން އަހަރެއްގެ މައްޗަށް ވަރަށް ބޮޑު އަދަދެއް (47.3 ޑޮލަރު) ލިބޭނޭ ކަމަށް ފާހަގަކޮށް އަދި މި އަދަދުގެ ބޮޑު ބައެއް ލިބޭނީ ލައުންޖުން ލިބޭ އާމްދަނީގެ ގޮތުގައިކަން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުބާރު ހިފޭ ބައިނަލްއަގްވާމީ އޮޑިޓް ކުންފުންޏެއް ކަމަށްވާ އާންސްޓް އެންޑް ޔަންގުން ހަދާފައިވާ އޮޑިޓަކުން ދައްކާ ގޮތުގައި، ލައުންޖް ހިންގައިގެން ޓީއެމްއޭ އަށް 2017 ގައި 2.1 މިލިއަން ޑޮލަރު ލިބުނުއިރު، 2018 ގައި 2.4 މިލިއަން ޑޮލަރު އަދި 2019 އަހަރު 2.8 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

"މި އަދަދުތަކަކީ އޮޑިޓަ ޖެނަރަލްގެ އިތުރުން ގުޅުންހުރި ސަރުކާރުގެ ޑިޕާޓްމަންޓްތަކާ ހިއްސާކުރެފައިވާ އަދަދުތަކެކެވެ. މި އަދަދުތަކުން ސާފުވާކަމަކީ އޮޑިޓަ ޖެނަރަލްގެ ރިޕޯޓުގައި އާ ސީޕްލޭން ޓާމިނަލްގެ ލައުންޖްތަކުން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަކީ ވަރަށް ބޮޑަށް އޯވަ އެސްޓިމޭޓް ކުރެވިފައިވާ އަދަދެއް ކަމެވެ،" ބަޔާނުގައިވެ އެވެ.

ޓީއެމްއޭ އިން ބުނީ، އޮޑިޓަ ޖެނަރަލްގެ ރިޕޯޓުގެ މައިގަނޑު މައްސަލަ އަކީ ލައުންޖް ބޭނުންކުރާ ރިސޯޓުތަކުންނާއި ޕަސެންޖަރުން މިހާރު ދައްކާ އަދަދަށް ވުރެ އެތައް ތަނަކުން ބޮޑު އަދަދެއް ކުރިއަށް އޮތް ތަނުގައި ދައްކާނެ ކަމަށް ކޮށްފައިވާ އެސަމްޕްޝަން ނުވަތަ ގަބޫލުކުރުން ކަމަށާއި، އެގޮތުން، ސީޕްލޭން ލައުންޖް ގެންގުޅޭ ރިސޯޓުތަކުން ޕެސެންޖަރެއްގެ ބޮލަކަށް ޖުމްލަ 105 ޑޮލަރު ޗާޖުކުރާނެ ކަމަށް އޮޑިޓް ރިޕޯޓުގައި އެސިއުމްކޮށްފައިވާ ކަމަށެވެ. މިއަދަދު ގެނެސްފައި ވަނީ ވޭތުވެދިޔަ އަހަރު ސީޕްލޭން ދަތުރުކޮށްފައިވާ 450،000 ޕެސެންޖަރުންގެ ޖުމްލަ އަދަދު، އާ ސީޕްލޭން ޓާމިނަލް އިން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 47.3 މިލިއަން ޑޮލަރުގެ އަދަދުން ގެއްލުވައިގެން ކަމަށް ޓީއެމްއޭ އިން ބުންޏެވެ.

"މިވަގުތު ސީޕްލޭން ޕެސެންޖަރެއް އެވްރެޖްކޮށް ލައުންޖްގައި ހޭދަކުރަނީ 45 މިނެޓެވެ. މީގެ މާނަ އަކީ ހަތަރު މީހުންގެ އާއިލާ އަކުން ކުޑަ ވަގުތުކޮޅަކަށް ލައުންޖް ބޭނުންކުރުމަށް، ބޮލަކަށް 105 ޑޮލަރުގެ ރޭޓުން ބަލާ ނަމަ، ޖުމްލަ 420 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އާ ސީޕްލޭން ޓާމިނަލްގައި ޓީއެމްއޭ ހިންގުމަށް އެ ކުންފުނިން ދައްކަން ޖެހެނީ މާކެޓް ރޭޓަށް ވުރެ ކުޑަ އަދަދެއް ކަމަށް މީޑިއާގައި ރިޕޯޓުކުރެވިފައި ވަނީ ގޯސްކޮށް ކަމަށް ޓީއެމްއޭ އިން ބުންޏެވެ. އެގޮތުން، ޓީއެމްއޭ އިން ބުނީ، އެވްރެޖްކޮށް އިންފްރާސްޓްރަކްޗާ ޕްރޮޖްކްޓަކަށް ކުރާ އިންވެސްޓްމަންޓް އަނބުރާ ލިބެނީ އަށް އަހަރާއި 12 އަހަރާ ދޭތެރޭގައި ކަމަށް ވިޔަސް، ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޓީއެމްއޭ އިން އެމްއޭސީއެލް އަށް ދައްކާ ރޭޓުން، އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ހެދުމަށް ހޭދަކުރި 26 މިލިއަން ޑޮލަރުގެ އިންވެސްޓްމަން ފަސް އަހަރާއި ހަ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެ ކަމަށެވެ. އަދި އެހެން ސީޕްލޭން އޮޕަރޭޓަރުންގެ އަތުން ނެގޭ ޗާޖުތައް ލުމުން މި އަށް ވުރެ ވެސް އަވަހަށް މި އިންވެސްޓްމަން ރިކަވަ ކުރެވޭނެކަން ވެސް ޓީއެމްްއޭ އިން ފާހަގަކޮށްފައިވެ އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން ހަދާ ސީޕްލޭން ޓާމިނަލް މުޅި މަޝްރޫއަށް 26 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުވެ އެވެ. އެގޮތުން، ޓާމިނަލް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެ ނޫން ވެސް ކަންކަމަށް ހިނގާ ހަރަދާ އެކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހަރަދުވެ އެވެ.

ހަމަ އެއާ އެކު، ޓީއެމްއޭ އިން ވަނީ އެ ކުންފުނިން މިވަގުތު ބޭނުންކުރަމުން ދާ އިމާރާތް ކުންފުނީގެ ރުހުމަކާ ނުލާ، ކުއްލި ގޮތަކަށް އަދި އެއްވެސް ބަދަލަކާ ނުލާ ދޫކޮއްލަން މަޖުބޫރުވެފައިވާކަން ފާހަގަކޮށްފަ އެވެ. ޓީއެމްއޭ އިން ބުނީ، އެކަން އޮޑިޓަ ޖެނަރަލްގެ ރިޕޯޓުގައި، އެކަށީގެންވާ މިންވަރަކަށް، ފާހަގަކޮށްފައި ނުވާ ކަމަށެވެ.

"ޓީއެމްއޭ އިން މިވަގުތު ބޭނުންކުރަމުން ދާ އިންފްރާސްޓަރަކްޗަ އަކީ މި ކުންފުނިން އަމިއްލަ އަށް ހަދާފައިވާ ތަންތަނެވެ. މީގެ ތެރޭގައި، ކަރަންޓް ޖެނެރޭޓް ކުރުމާއި ޑީސެލިނޭޝަނާއި ކުރީގެ ބާ ޓާމިނަލާއި މިވަގުތު ބޭނުންކުރާ އާ ޓާމިނަލުގެ އިތުރުން އެމްއާރްއޯ (މެއިންޓަނަންސް، ރިޕެއަ އެންޑް އޯވަހައުލް) ފެސިލިޓީއެއް ހިމެނެ އެވެ. އެމްއޭސީއެލް އިން 2014 އަހަރު، އާ ރަންވޭއެއް ހެދުމުގެ ގޮތުން ޓީއެމްއޭ އިން ބޭނުންކުރަމުން ދާ އިމާރާތްތައް ދޫކޮށްލަން ޖެހޭކަން މި ކުންފުންޏަށް އެންގި ނަމަވަސް، ޓީއެމްއޭ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް އެއްވެސް ބަދަލެއް ދޭކަށް އެއްބަހެއް ނުވެ އެވެ. ޓީއެމްއޭ އިން ދޫކޮށްލަން ޖެހިފައިވާ އިންފްރާސްޓަކްޗާގެ ވެލުއޭޝަނެއް، މި ކުންފުނިން އެދިގެން މޯލްޑިވްސް އިވެލުއޭޝަން ޕްރައިވެޓް ލިމިޓެޑުން ވަނީ ހަދާފަ އެވެ. މި ވެލުއޭޝަން އިން ދައްކާ ގޮތުގައި، އެއްވެސް ބަދަލަކާ ނުލާ ޓީއެމްއޭ އިން ދޫކޮށްލަން މަޖުބޫރުވެފައިވާ ފެސިލިޓީގެ އަގަކީ ގާތްގަނޑަކަށް 18.53 މިލިއަން އެމެރިކާ ޑޮލަރެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު ކުރެވުނު މަޝްވަރާތަކަކީ އަންރީސަނަބަލް އަދި އިންސާފުން ބޭރުން ކުރެވުނު މަޝްވަރާތަކެއް ކަމަށް ރިޕޯޓްކުރެވިފައި ވަނީ ވެސް ގޯސްކޮށްކަން ޓީއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ. އާ ޓާމިނަލް އިން ލިބޭނެ ޖާގަ އާއި ކުއްޔާއި ކޮންޓްރެކްޓްގެ މުއްދަތާ ގުޅޭ ގޮތުން ހިންގުނު މަޝްވަރާތައް ހިންގިފައި ވަނީ، ޓީއެމްއޭ އިން ބުނި ގޮތުގައި، ޕްރޮފެޝަނަލްކޮށް، އިންސާފުވެރިކަމާ އެކުގަ އެވެ. އެގޮތުން،، ވޭތުވެދިޔަ ހަ އަހަރުދުވަހުގެ ތެރޭގައި މިކަމާ ގުޅޭ ގޮތުން 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުން އަދި އަނގަ ބަހުން ހިންގިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން އެމްއޭސީއެލް އިން ނަގާފައިވާ ލޯނަކުން ހަދަމުން އަންނަ މި ޓާމިނަލް ބޭނުންކުރުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމުންތަކެއް ނިންމައި އެ ނިންމުންތައް އެމްއޭސީއެލްގެ ބޯޑަށް މިދިޔަ ހަފްތާގައި ވަނީ އަންގާފަ އެވެ. އެގޮތުން ނިންމާފައިވާ ނިންމުންތަކަކީ:

  • ޓީއެމްއޭ އިން މިހާރު ބޭނުންކުރަމުން އަންނަ ލައުންޖުގެ ޖާގައިގެ ބޮޑު މިނާ އެއްވަރަށް، މިހާރު ވެސް އެ ފަރާތުން ކުއްޔަށް ހިފާފައިވާ ރޭޓުގައި، އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުދުވަހުގެ މުއްދަތަކަށް ޖާގަ ކުއްޔަށް ދިނުން.
  • މަންޓާ އެއާގެ މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ވަރުގެ ޖާގަ، މިހާރު ވެސް އެ ފަރާތުން ކުއްޔަށް ހިފާފައިވާ ރޭޓުގައި، އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުން.
  • ޓީއެމްއޭ އާއި މަންޓާ އެއާ އަށް އާ ސީޕްލޭން ޓާމިނަލުން ލައުންޖް ޖާގަ ހަމަޖެއްސުމަށް ފަހު ބާކީވާ ބައި، ޑިމާންޑަށް ބަލައި، އެމްއޭސީއެލް އިން ޓެންޑަރަށް ހުޅުވާލައިގެން ވާދަވެރި ރޭޓްތަކެއް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކުއްޔަށް ދިނުން.
  • މޯލްޑިވިއަން އިން މިހާރު ވެސް ބޭނުންކުރަމުން އަންނަ ޓާމިނަލްގެ ޖާގަ ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެކަން ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުން.
  • ދެ އަހަރުދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން، އިންޑަސްޓްރީގެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް އެމްއޭސީއެލް އަށް ހިންގޭނެ ގޮތަށް ޕްލޭނެއް އެކުލަވާލައި އެ ގޮތަށް ކުރިއަށް ގެންދިއުން.

އާ ސީޕްލޭން ޓާމިނަލް އަންނަ މޭ މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް ކުރިން ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top