ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމައިފި އެވެ.

ރޭ އޮތް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށް ފަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިރޭ ނިންމާފައިވާ ކަަމަށެވެ.

އެ ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ލަސްވެފަ އެވެ.

ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަޝްރޫގައި މިވަގުތު ކުރެވެމުން ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.

ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން ދަނީ ކަަރަންޓް ދެމުންނެވެ.

"މިގޮތުން މި ކޯޕަރޭޝަންގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި މި ކޯޕަރޭޝަނުން ހަރަދުކޮށް ސްޓެލްކޯ އާއި ބްރައުންސް ސީއެމްއީީސީ އަށް ހަވާލުކޮށްގެން ކަރަންޓް ނެޓްވޯކް ގާއިމުކުރެވުފައިވާނެ އެވެ. އަދި މި ދެންނެވުނު އުސޫލުން ސްޓެލްކޯ އާއި ގުޅިގެން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކަށް ކަަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަން ފާހަގަކުރަމެވެ،"

އެޗްޑީސީން ބުނީ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ ހުރި ދަތިތަކާ ހެދި އަމަލީ މަސައްކަތް ލަސްވެފައިވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށެވެ.