މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް އަބްދުﷲ ގިޔާސް ރިޔާޒް އައްޔަންކޮށްފި އެވެ.

މި މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ މަޓާޓޯއިން ރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގަ އެވެ. މިދިޔަ ދައުރުގައި މަޓާޓޯގެ ރައީސްގެ މަޤާމު ފުރުއްވާފައިވަނީ އަބްދުﷲ ސުއޫދު އެވެ.

ގިޔާސް ވަނީ މީގެ ކުރިން ވެސް މަޓާޓޯގެ ރައީސްގެ މަގާމު އަދާކުރައްވައިފަ އެވެ. އެންމެ ފަހުން އޭނާ ހުންނެވީ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުރިއަށް އޮތް 4 އަހަރަށް ޖަމިއްޔާގެ ރައީސްގެ އިތުރުން ނައިބު ރައީސުންނާއި ބޯޑު މެންވަރުން ވަނީ ހޮވާފަ އެވެ. އެގޮތުން ނައިބު ރައީސުންގެ ގޮތުގައި ހޮވިފައިވަނީ މުހައްމަދު ހަލީލާއި، މުހައްމަދު ޝާޒް ވަލީދެވެ.

މަޓާޓޯ އިން ރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި އަލަށް ހަމަޖެއްސި ބޯޑު މެމްބަރުން. ފޮޓޯ: ވަން އޮންލައިން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގިޔާސް ވަނީ އެ ޖަމިއްޔާއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި، ކުރިއަށް ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފަ އެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވާނީ ޖަމިއްޔާގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ގިޔާސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު ލޯކަލް ޓްރެވެލް އެޖެންޓުން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްދެމުންދާ މަސައްކަތް ބަލައިގަންނަ މިންވަރު ދަށްކަން ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ލޯކަލް ޓްރެވެލް އެޖެންސީތައް ބޮޑު ރޯލެއް އަދާކުރާކަން ފާހަގަކުރައްޗައި އޭނާ ވިދާޅުވީ، 2012 ވަނަ އަހަރު މަޓާޓޯއާއި، ޔޫއެންޑީޕީއާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މީރާގެ އެހީތެރިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ލޯކަލް ޓްރެވެލް އެޖެންޓުންގެ ދައުރު ދެނެގަތުމަށް ދިރާސާއެއްކޮށްފައިވާ ކަމަށެވެ.

އެ ދިރާސާގެ ތެރެއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 25 ޕަސެންޓް ހިއްސާކުރަނީ ލޯކަލް ޓްރެވެލް އެޖެންސީތައްކަން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ރާއްޖެ އަންނަ ފަތުރުވެރިންގެ 4 ބައިކުޅަ އެއްބައިކަން ގިޔާސް ފާހަގަކުރެއްވި އެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާއިން ކޮވިޑް-19 ގެ ސަބަބުން މިދިޔަ ދެ އަހަރު އެ ޖަމިއްޔާއަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަހަރުގެ ތެރޭގައި މި ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން ވަނީ ފާހަގަކޮށްފަ އެވެ.