Advertisement

ދިރާގުން 5ޖީ ފޯނެއް ރާއްޖެ އަށް ތައާރަފްކޮށްފި

FacebookTwitterWhatsAppTelegramViber

ދެކުނު އޭޝިއާގައި އެންމެ ފުރަތަމަ 5ޖީ ހިދުމަތް ދޭން ފެށި ކުންފުނި ކަމަށްވާ ދިރާގުން ފުރަތަމަ ފަހަރަށް 5ޖީ ފޯނެއް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ،

މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ވާވޭ މޭޓް 20 އެކްސް ފޯނު ތައާރަފްކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އެވެ.

ދިރާގުން ބުނީ، މި ރެއިން ފެށިގެން ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް މި ފޯނަށް އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން، އޯޑަރު ކޮށްފައިވާ ފަރާތްތަކާ ފޯނު ހަވާލުކުރުން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން މި ފޯނު ވިއްކަނީ 15،899 ރުފިޔާ އަށެވެ. ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ފޯނު އިންސްޓޯލްމަންޓަށް ނެގޭއިރު، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހެނީ 3،49 ރުފިޔާ އެވެ. ބާކީ ބައި، މަހަކު 1،129 ރުފިޔާގެ މަގުން އެއް އަހަރުދުވަހުގެ މުއްދަތަކަށް ބަހާލެވެ އެވެ.

ދިރާގުގެ 5ޖީ ހިދުމަތް މިހާރު ލިބެނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ތިން ސަރަހައްދަކަށެވެ. އެއީ، މާލެ، ހުޅުމާާލެ، ވިލިމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫގެ ބައެއް ސަރަހައްދުތަކާއި ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ. މި ސަރަހައްދުތަކުގައި، ދިރާގުން މިއަދު ތައާރަފްކުރި ވާވޭ މޭޓް 20 އެކްސް ފޯނު ބޭނުންކޮށްގެން ދިރާގުގެ ކަސްޓަމަރުންނަށް އިތުރު ޑޭޓާ ޗާޖަކާ ނުލާ، މިހާރު ވެސް ގެންގުޅޭ ސިމް ބޭނުންކޮށްގެން 5ޖީ ހިދުމަތް ތަޖުރިބާކޮށްލެވޭނެ އެވެ.

އެންމެ ފަހުގެ 5ޖީ ހިދުމަތަކީ މިހާރު އެންމެ އާއްމުކޮށް ބޭނުންކުރާ 4ޖީ ހިދުމަތުގެ ސްޕީޑަށް ވުރެ 10 ގުނަ އަވަސް ހިދުމަތެކެވެ. މިއީ އަދި ވަރަށް ޅަފަތުގައި އުޅޭ ހިދުމަތަކަށް ވާއިރު، މުޅި ދުނިޔޭގައި ވެސް 5ޖީ ހިދުމަތް ލިބޭ ޑިވައިސްތައް އަދި ވަރަށް މަދެވެ.

ދިރާގުން މިއަދު ތައާރަފްކުރި ވާވޭ މޭޓް 20 އެކްސް ފޯނުގެ އެންމެ ހާއްސަ ކަމަކީ އެ ފޯނުގައި ހަރުކޮށްފައިވާ ހަތަރު ލެންސް ހިމެނޭ ކެމެރާ ސިސްޓަމެވެ. މި ފޯނުގައި ހިމަނާފައިވާ ކެމެރާތަކުގެ ތެރޭގައި 40 މެގަޕިކްސެލް، 20 މެގަޕިކްސެލް އަދި 8 މެގަޕިކްސެލް ކެމެރާ ހިމެނެ އެވެ. މީގެ އިތުރުން، ކުރިމަތީގައި ހަރުކޮށްފައިވާ ކެމެރާ އަކީ ވެސް 24 މެގަޕިކްސެލްގެ ކެމެރާ އެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top