މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކޮށް، ޕްލާސްޓިކަށް ސާކިއުލާ އިކޮނޮމީއެއް އުފެއްދުމުގައި، ޒިންމާދާރު ވިޔަފާރިއެއްގެ ގޮތުން އެ ކުންފުނީގެ ދައުރު އަދާކުރާނެކަމުގެ ޔަގީންކަން ކޮކާ-ކޯލާ އިން ދީފި އެވެ.

އަހަރެއްގެ މައްޗަށް 8 މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ކަނޑުތަކަށް އުކާލާއިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާފައި ހުންނަ ޕްލާސްޓިކެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެންޖީ ކެޕިޓަލް އިން ރާއްޖޭގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުމުން ކުރާ އިޖުތިމާއީ އަދި އިގްތިސޯދީ އަސަރުގެ އެސެސްމަންޓެއް ހެދި އިރު، ޕްލާސްޓިކް ކުންޏަކީ ރާއްޖޭގައި އުކާލެވޭ ޖުމްލަ ކުނީގެ ގާތްގަނޑަކަށް 12 އިންސައްތަ އެވެ.

ތަފާތު ބުއިންތައް ބަންދުކުރެވޭ ޕެޓް ފުޅިތަކަކީ ޕްލާސްޓިކް ކުނީގެ ގާތްގަނޑަކަށް 10 އިންސައްތަ ނުވަތަ ޖުމްލަ ކުނީގެ 1 އިންސައްތަ އެވެ.

ނަމަވެސް ރާއްޖެ އަކީ 99 ޕަސެންޓް ކަނޑު އަދި އެއް ޕަސެންޓް ބިމުގެ މައްޗަށް އެކުލެވިފައިވާ ގައުމެކެވެ. މިފަދަ ނާޒުކު ގޮތަކަށް ރާއްޖެ އުފެދިފައި ވާއިރު، ކަނޑަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރިގެންދާނެ އެވެ. ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިން ކުންޏަށް އުކާލުން އިތުރުވުމުގެ ސަބަބުން ދުނިޔެ އާއި ރާއްޖޭގައި ކުރިމަތިވެފައިވާ ކާރިސާ ހައްލުކުރުމުގައި ކޮކާ-ކޯލާގެ ވެސް ޒިންމާއެއް އޮތް ކަމުގައި ކޮކާ-ކޯލާ އިން ދެކެ އެވެ. އެހެންކަމުން، 2018 ގައި ކޮކާ-ކޯލާ އިން ވަނީ "ވާލްޑް ވިތައުޓު ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިން އަށް ބަދަލުކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް ފަށާފަ އެވެ. މިއީ، 2030 އަންނަންވާއިރަށް، ކޮކާ-ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމްގައި ހިންގޭ މަޝްރޫއެކެވެ.

ކޮކާ ކޯލާ

ރާއްޖޭގައި ކޮކާ-ކޯލާ އިން އަންނަނީ ޕްލާސްޓިކް ކުނީގެ މައްސަލަ އަށް ހަރުދަނާ ހައްލެއް ހޯދައި، 100 ޕަސެންޓް ރީސައިކަލް ކުރެވޭ ޕެޓް ޕެކޭޖިންގެ ވަށައިގެން ސާކިއުލާ އިކޮނޮމީއެއް އުފެއްދުމަށް ޑިޒައިނަށް ބަދަލު ގެނެސް، އުކާލާ ފުޅި އެއްކޮށް އަދި އެކި ބައިވެރިންނާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ އެތައް ބައެއްގެ ލޯބިލިފައިވާ ބުއިން، ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ވަނީ ބަދަލުކޮށްފަ އެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. ސެޕްޓެމްބަރު 2021 ގައި ރާއްޖޭގައި ތައާރަފްކުރި މި އެތެރެ ފެންނަ ފުޅިއަކާ އެކު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެ އެވެ. 100 އިންސައްތަ ރީސައިކަލް ކުރެވޭ އެތެރެ ފެންނަ ސްޕްރައިޓް ފުޅީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވޭނެ އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ދިވެހިންނަށް އެންމެ ކަމުދާ ބޯފެން ބްރޭންޑް ކަމަށްވާ ބޮނަކުއާ ވެސް ވަނީ އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުވެފަ އެވެ. މި ދެ ބަދަލާ އެކު، ރާއްޖޭގައި ވިއްކާ ކޮކާ-ކޯލާގެ މިހާރު އުފެއްދުންތަކެއް ކުރިއަށް ވުރެ ބޮޑަށް ރީސައިކަލް ކުރެވޭ، އެތެރެ ފެންނަ ޕެކޭޖިންގައި މިހާރު ލިބެން ހުންނާނެ އެވެ.

ކޮކާ-ކޯލާ އިން ވަނީ ރާއްޖޭގައި އެ ކުންފުނީގެ އުފެއްދުންތައް ބަންދުކުރާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) މެދުވެރިކޮށް، ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާތަކާ އެކު ވަރުގަދަ ޕާޓްނާޝިޕްތަކެއް ވެސް އެކުލަވާލާފަ އެވެ. ކޮކާ-ކޯލާއަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އިން ހިންގާ ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އަދި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މައިގަނޑު އެއް ބައިވެރިޔާ އެވެ.

"ކޮކާ-ކޯލާ ކުންފުންޏާ ގުޅިގެން އެމްއޭޑަބްލިއުސީން އަންނަނީ މިހާރަށް ވުރެ ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާކުރާ ކުރިމަގެއް ބިނާކުރުމަށް ފިޔަވަޅުތަކެއް އަޅަމުން. އާންމު ފަރުދުންގެ ދިރިއުޅުމާއި، މުޖުތަމައުތަކުގައި އަދި އަޅުގަނޑުމެންގެ ދުނިޔެއަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް. ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅިއާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާ ޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރުން ހަލުއިކުރުމަށް އަޅުގަނޑުމެންގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އަދި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން، ކޮކާ-ކޯލާ އިން ވަނީ، 100 ޕަސެންޓް ރީސައިކަލް ކުރެވޭ އަދި ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ޕެޓް ޕްލާސްޓިކަށް އާ ދިރުމަށް ގެނެސްދިނުމަށްޓަކައި އަމިއްލަ އިސް ނެގުމުގެ މަތިން އެކްސްޓެންޑެޑް ޕްރޮޑިއުސަރު ރެސްޕޮންސިބިލިޓީ (އީޕީއާރު) ސިޔާސަތު ރާއްޖޭގައި ތަންފީޒުކުރަން ފަށާފަ އެވެ. މި މަޝްރޫއުތަކުގެ ޒަރިއްޔާއިން 2021 ވަނަ އަހަރު 45،800 ކިލޯގެ ޕެޓް ވަނީ އެއްކުރެވިފަ އެވެ. މި އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ފުޅާކުރަމުން އަންނައިރު، އިތުރު ރަށްތަކާއި ރެސްޓޯރެންޓްތަކުން ހުސް ފުޅި އެއްކުރުމުގެ މަސައްކަތް ކުރެވެމުން ދެ އެވެ.

"ޒިންމާދާރު ބައިނަލްއަގުވާމީ ބްރޭންޑެއްގެ ހައިސިއްޔަތުން، ކުނި މަދުކުރުމުގެ އިތުރަށް، ވަސީލަތްތަކާއި ތަކެތި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރުމާއި ރިސައިކަލްކުރުމުގެ އަސާސް އަޅުގަނޑުމެން ބަލައިގަނެ، އެ މަގުން މަސައްކަތް ކުރަން. އަދި އ.ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ވެސް އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަންމަތީ. ރާއްޖޭގައި ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށް އަޅުގަނޑުމެންގެ ބައިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރަން،" ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކޮކާ-ކޯލާ އިން ވަނީ މޯޕާއާ ގުޅިގެން ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް އިފްތިތާހުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރިސޯޓުތަކުން ހުސް ޕެޓް ފުޅިތައް އެއްކޮށް ރީސައިކަލް ކުރުމުގެ އިތުރުން، އާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ފުޅިތައް ކަނޑުތަކަށް ނުވަންނާނެކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށްފަ އެވެ. މި އާ މަޝްރޫއުގެ ޕާޓްނަރުންގެ ގޮތުގައި ފަސް ރިސޯޓު އޮޕަރޭޓަރުން މިހާރު ހިމެނޭއިރު، މި މަޝްރޫއުގެ ދަށުން އެންމެ ހަ މަސްދުވަހުގެ ތެރޭގައި 1،000 ކިލޯއާ ގާތްކުރާ އަދަދަކަށް ޕެޓް ފުޅި ވަނީ އެއްކުރެވިފަ އެވެ.

އެއްކުރާ ޕެޓް ފުޅިތައް – މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލްކުރެވޭ ޕްލާސްޓިކްގެ ބާވަތް – ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ. މި އިސްނެގުންތަކުގެ ސަބަބުން ޕްލާސްޓިކަށް ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށާއި، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައާއި އަޅުގަނޑުމެންގެ ދުނިޔެއަށް ތަފާތު ގެނެސްދޭ އަދި އެންމެންގެ ހިއްސާ އޮންނަ މުސްތަގްބަލެއް ބިނާކުރުމަށް ކޮކާ-ކޯލާ އިން ގެންގުޅޭ ތަސައްވުރަށް އިތުރު ބާރެއް ލިބިގެންދެ އެވެ.

ކޮކާ-ކޯލާ އިން އަންނަނީ ކޮންމެ މުނާސަބަތަކަށް ވެސް އެކަށޭނަ ބުއިންތައް، ޕެޓް ފުޅީގެ އިތުރުން، އަނބުރާ ގެންދެވޭ އަދި ނުގެންދެވޭ ބިއްލޫރި ފުޅި ފަދަ ތަފާތު ޕެކޭޖިންތަކުގައި ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ކޮކާ-ކޯލާގެ ހުރިހާ ޕެކޭޖިން އަކީ ވެސް 100 ޕަސެންޓް ރީސައިކަލް ކުރެވޭ ޕެކޭޖިން އެކެވެ. ކޮކާ-ކޯލާ އިން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ސާފު އަދި ރީތި ރާއްޖެއެއް ބިނާކުރުމަށެވެ.