Advertisement

ތަހުގީގުތަކަށް މަރުހަބާ ކިޔަން، މައްސަލަ އަވަހަށް ނިންމައިދީ: އެމްއޭސީއެލް

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ހިންގޭ ކޮންމެ ތަހުގީގަކަށް ވެސް މަރުހަބާ ކިޔާ ކަމަށާއި އެހެން ނަމަވެސް މައްސަލަ އަވަހަށް ބަލައި ނިންމައި ދިނުމަށް އެދޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ބުނެފި އެވެ.

އަލަށް ހަދަމުން އަންނަ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނައިރު، އެ ކޮމިޝަނުން އިއްޔެ ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން އެމްއޭސީއެލް އިން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.

އޭސީސީގެ ބަޔާނާ ހަވާލާދީ އެމްއޭސީއެލް އިން ރޭ ކުރި ޓުވީޓެއްގައި ބުނީ، އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ހިންގޭ ކޮންމެ ތަހުގީގަކަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި ހުރިހާ އިދާރާއަކަށް އަބަދު ވެސް ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެއާލައިންތަކުގެ ހަރަދު ކުޑަކޮށް، ފަސިންޖަރުންނަަށް ކުރިމަތިވަމުންދާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ވީއަައިއޭގެ އާ ރަންވޭ ހުޅުވަންޖެހެ އެވެ. އެހެންކަމުން، ވީހާ ވެސް އަވަހަކަށް މައްސަލަ ބަލައި ނިންމައި ދިނުމަަށް އެދެމެވެ. އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަނީ މި ގައުމަށް މަންފާ ލިބޭ ގޮތަށެވެ،" އެމްއޭސީއެލްގެ ޓުވީޓުގައިވެ އެވެ.

ޓީއެމްއޭ އިން ބުނާ ގޮތުގައި، 10 ޑިސެމްބްރު 2017 ގައި އެމްއޭސީއެލް އިން ޓީއެމްއޭ އަށް ފޮނުވާފައިވާ ސިޓީއެއްގައި، އާ ޓާމިންލް އިން 31،000 އަކަ މީޓަރުގެ ޖާގަ (ބޯޓު މަރާމާތުކުރާ ފެސިލިޓީ ހުންނަ ސަރަހައްދު ހިމެނޭ ގޮތަށް)، ފިކްސްޑް ކުލީގެ ގޮތުގައި އަކަ މީޓަރަކަށް މަހެއްގެ މައްޗަށް 10.35 ޑޮލަރުގެ ރޭޓުން އަދި ވޭރިއަބަލް ޗާޖެއްގެ ގޮތުގައި ޕެސެންޖަރަކަށް ފަސް ޑޮލަރުގެ ރޭޓުން ވާ ގޮތަށް، ޓީއެމްއޭ އަށް ދިނުމަށް އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާކަން ވަރަށް ސަރީހަ ބަހުން ބަޔާންކޮށްފައިވެ އެވެ. އޭގެ އެއް ހަފްތާ ފަހުން، 17 ޑިސެމްބަރު 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބެއިން ކެޕިޓަލްގެ އިސްނެގުމުގެ މަތިން އިންވެސްޓަރުންގެ ކޮންސޯޓިއަމަކުން، 500 މިލިއަން ޑޮލަރަށް ގަނެފައި ވަނީ، އެ ސިޓީގައި ދީފައިވާ ކޮމިޓްމަންޓްތަކަށް ބެލުމަށް ފަހު ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

އެހެން ނަމަވެސް، އަކަމީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އޭސީސީން ބުނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މި މައްސަލަ ބެލުމަށް ފަހު އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން ހާއްސަ އޮޑިޓެއް ކޮށްފަ އެވެ. މި އޮޑިޓް މީޑިއާ އަށް ލީކްވެފައި ވާއިރު، އޭގައިވާ ގޮތުން އެމްއޭސީއެލް އަށް އަހަރަކު 47.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ. އެހެން ނަމަވެސް، އެމްއޭސީއެލް މަސައްކަތްކޮށްފައި ވަނީ މާ ކުޑަ އަގެއްގައި ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދިނުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެހެން ނަމަވެސް، ޓީއެމްއޭ އިން ބުނަނީ، ލީކު ކުރެވިފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އާމްދަނީ އަކީ އޯވަ އެސްޓިމޭޓް ކޮށްފައިވާ އަދަދެ ކަމަށާއި އެއީ ލިބޭނެ އާމްދަނީގެ އަށް ގުނަ އިތުރު އަދަދެއް ކަމަށެވެ. އެގޮތުން، އިތުބާރު ހިފޭ ބައިނަލްއަގްވާމީ އޮޑިޓް ކުންފުންޏެއް ކަމަށްވާ އާންސްޓް އެންޑް ޔަންގުން ހަދާފައިވާ އޮޑިޓަކާ ހަވާލާދީ ޓީއެމްއޭ އިން ބުނަނީ، ލައުންޖް ހިންގައިގެން އެ ކުންފުންޏަށް 2017 ގައި 2.1 މިލިއަން ޑޮލަރު ލިބުނުއިރު، 2018 ގައި 2.4 މިލިއަން ޑޮލަރު އަދި 2019 އަހަރު 2.8 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

ހަމަ އެއާ އެކު، ޓީއެމްއޭ އިން ވަނީ އެ ކުންފުނިން މިވަގުތު ބޭނުންކުރަމުން ދާ ފެސިލިޓީތައް ކުންފުނީގެ ރުހުމަކާ ނުލާ، ކުއްލި ގޮތަކަށް އަދި އެއްވެސް ބަދަލަކާ ނުލާ ދޫކޮއްލަން މަޖުބޫރުވެފައިވާކަން ފާހަގަކޮށްފަ އެވެ. ޓީއެމްއޭ އިން ބުނީ، 18.53 މިލިއަން ޑޮލަރުގެ އަގުހުރި މި ފެސިލީޓީތައް އެއްވެސް ބަދަލަކާ ނުލާ ދޫކޮށްލަން ޖެހިފައިވާކަން އޮޑިޓަ ޖެނަރަލްގެ ރިޕޯޓުގައި، އެކަށީގެންވާ މިންވަރަކަށް، ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، އާ ސީޕްލޭން ޓާމިނަލްގައި ޓީއެމްއޭ ހިންގުމަށް އެ ކުންފުނިން ދައްކަން ޖެހެނީ މާކެޓް ރޭޓަށް ވުރެ ކުޑަ އަދަދެއް ކަމަށް މީޑިއާގައި ރިޕޯޓުކުރެވިފައި ވަނީ ގޯސްކޮށް ކަމަށް ޓީއެމްއޭ އިން ބުނެ އެވެ. އެގޮތުން، ޓީއެމްއޭ އިން ބުނަނީ، އެވްރެޖްކޮށް އިންފްރާސްޓްރަކްޗާ ޕްރޮޖްކްޓަކަށް ކުރާ އިންވެސްޓްމަންޓް އަނބުރާ ލިބެނީ އަށް އަހަރާއި 12 އަހަރާ ދޭތެރޭގައި ކަމަށް ވިޔަސް، ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޓީއެމްއޭ އިން އެމްއޭސީއެލް އަށް ދައްކާ ރޭޓުން، އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ހެދުމަށް ހޭދަކުރި 26 މިލިއަން ޑޮލަރުގެ އިންވެސްޓްމަން ފަސް އަހަރާއި ހަ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެ ކަމަށެވެ. އަދި އެހެން ސީޕްލޭން އޮޕަރޭޓަރުންގެ އަތުން ނެގޭ ޗާޖުތައް ލުމުން މި އަށް ވުރެ ވެސް އަވަހަށް މި އިންވެސްޓްމަން ރިކަވަ ކުރެވޭނެކަން ވެސް ޓީއެމްްއޭ އިން ފާހަގަކުރެ އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން ހަދާ ސީޕްލޭން ޓާމިނަލް މުޅި މަޝްރޫއަށް 26 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުވެ އެވެ. އެގޮތުން، ޓާމިނަލް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެ ނޫން ވެސް ކަންކަމަށް ހިނގާ ހަރަދާ އެކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ހަރަދުވެ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން އެމްއޭސީއެލް އިން ނަގާފައިވާ ލޯނަކުން ހަދަމުން އަންނަ މި ޓާމިނަލް ބޭނުންކުރުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމުންތަކެއް ނިންމައި އެ ނިންމުންތައް އެމްއޭސީއެލްގެ ބޯޑަށް މިދިޔަ ހަފްތާގައި ވަނީ އަންގާފަ އެވެ. އެގޮތުން ނިންމާފައިވާ ނިންމުންތަކަކީ:

  • ޓީއެމްއޭ އިން މިހާރު ބޭނުންކުރަމުން އަންނަ ލައުންޖުގެ ޖާގައިގެ ބޮޑު މިނާ އެއްވަރަށް، މިހާރު ވެސް އެ ފަރާތުން ކުއްޔަށް ހިފާފައިވާ ރޭޓުގައި، އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުދުވަހުގެ މުއްދަތަކަށް ޖާގަ ކުއްޔަށް ދިނުން.
  • މަންޓާ އެއާގެ މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ވަރުގެ ޖާގަ، މިހާރު ވެސް އެ ފަރާތުން ކުއްޔަށް ހިފާފައިވާ ރޭޓުގައި، އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުން.
  • ޓީއެމްއޭ އާއި މަންޓާ އެއާ އަށް އާ ސީޕްލޭން ޓާމިނަލުން ލައުންޖް ޖާގަ ހަމަޖެއްސުމަށް ފަހު ބާކީވާ ބައި، ޑިމާންޑަށް ބަލައި، އެމްއޭސީއެލް އިން ޓެންޑަރަށް ހުޅުވާލައިގެން ވާދަވެރި ރޭޓްތަކެއް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކުއްޔަށް ދިނުން.
  • މޯލްޑިވިއަން އިން މިހާރު ވެސް ބޭނުންކުރަމުން އަންނަ ޓާމިނަލްގެ ޖާގަ ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެކަން ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުން.
  • ދެ އަހަރުދުވަހުގެ ތެރޭގައި މުޅި ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން، އިންޑަސްޓްރީގެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް އެމްއޭސީއެލް އަށް ހިންގޭނެ ގޮތަށް ޕްލޭނެއް އެކުލަވާލައި އެ ގޮތަށް ކުރިއަށް ގެންދިއުން.

އާ ސީޕްލޭން ޓާމިނަލް އަންނަ މޭ މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް ކުރިން ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top