ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން މިއަދު ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުނިން ބުނިގޮތުގައި ޒަމާނާ އެއްގޮތަށް އަދި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ، އެސްޓީއޯއިން ބާޒާރަށް ނެރުނު ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރާތްކުރުމުގައި ބޭނުންކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތް ކޮންވެންޝަނަލް ކޮންކްރީޓް އާއި އަޅާބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކްރީޓެކެވެ. އަދި މިއީ ކާބަން ނިއުރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެސްޓީއޯއިން ކުރިއަށް އެޅި މުހިއްމު ފިޅަވަޅެއް ކަމުގައި އެ ކުންފުނިން ދެކެ އެވެ. އަދި މިކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ އެސްޓީއޯ އިން ހުޅުވާލައިފަ އެވެ.

އެސްޓީއޯއިން ސިމެންތި ގެށުމުގެ މަސައްކަތް ކުރަނީ

ގްރީން ކޮންކްރީޓަކީ ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ. މިއުފެއްދުމަކީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން 10 އިންސައްތަައާއި 15 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ކާބަންޑަ އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެ އެވެ.

ދުނިޔޭގެ އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކުރެވުނީ 1998 ވަނަ އަހަރު ޑެންމާކްގައި އެވެ. މިކޮންކްރީޓް އުފެއްދުމަށް ބޭނުންވާ ހަކަތަ ނިސްބަތުން ދަށް ވާނެ އެވެ. މިއީ ރީސައިކަލް ކުރެވިފައިވާ ރޯމެޓީރިއަލް ބޭނުން ކުރި ކަމުގައިވިޔަސް ކޮންކްރީޓްގެ ސްޓްރެންތައް އަސަރެެއް ނުކުރާ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮންކްރީޓެކެވެ.

ގްރީން ކޮންކްރީޓްގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރާ އެއް ބާވަތަކީ ގްރައުންޑް ގްރެނުލޭޓެޑް ބްލާސްޓްފާނޭސް ސްލެގް (ޖީޖީބީއެސް) އެވެ.