ޑޮލަރުގެ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި އެހެންކަމުން ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ކޮވިޑުގެ ކުރިން ހުރި މިންވަރުގައި ދެމެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިރޭ ކުރެއްވި ޓުވީޓެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އަންނައިރު މި އަހަރު ނިމޭއިރު ކޮވިޑުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް ވަރަށް ރުޖޫއަކުރެވޭނެ އެވެ.

"މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްހީ އަދި އިގްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި ނުދެއްކޭފަދަ ހާލަތަކަށް ގޮސްދާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން ދާދިފަހުން ދެއްކި ވާހަކަތައް ވެސް ރައްދު ދެއްވައި އަމީރު ވިދާޅުވީ ރާއްޖޭގެ ރިޒާވް ހުސްވެ، ގައުމު ބަނގުރޫޓު ވެދާނެ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭ ގޮތައް ދެއްކުމުން، ދުނިޔެ މި އޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެހެންމެ އެކަމުގެ ސަބަބުން އިގްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން. ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް،" އަމީރު ވިދާޅުވި އެވެ.