ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމް ސޮޔާގެ ކޮންޓްރެކްޓް ހަމަވާތީ އެމަގާމަށް މީހަކު ހޯދަން އެބޭންކުން އިއުލާނު ކޮށްފި އެވެ.

ބީއެމްއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެބޭންކުގެ ސީއީއޯގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހުންނަށް އެމަގާމަށް އެދި މިމަހުގެ 30 ކުރިން އެމަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

ތިން އަހަރުގެ މުއްދަތަކަށް ނަގާ އެމަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިންގުމުގެ ދާއިރާގައި ފަސް އަހަރު ހިމެނޭ ގޮތަށް، ބޭންކިން ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި

ހަރުދަނާ ސްޓްރެޓީޖިކް ވިސްނުންތަކަކާ އެކު އާދަޔާހިލާފު ލީޑަޝިޕް އަދި މެނޭޖްމަންޓް ހުނަރުތައް ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ބޭންކިން، ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ގްރެޖުއޭޓް ކޮލިފިކޭޝަނެއް އޮތުން ހިމެނެ އެވެ.

މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ އެ މީހެއްގެ ތައުލީމާއި ތަޖުރިބާއަށް ބިނާކޮށެވެ. އެހެނިހެން އިނާޔަތްތަކުގެ ތެރޭގައި ހުރުމާއި ކާރަކާއި މެޑިކަލް އެލަވަންސް ހިމެނެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ވެސް ހުންނެވި ސޯޔާ ވަނީ ކޮންޓްރެކްޓް ހަމަވުމުން އެ މަގާމުގައި ދެމިހުންނަވަން ބޭނުން ނުވާކަން އެ ބޭންކުގެ މުވައްޒަފުންނަށް މިދިޔަ ހަފްތާގައި އަންގަވައިފަ އެވެ.

އަދި އަންނަ ޖުލައި މަހުގެ ތެރޭގައި އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.