ދރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު އޮޅުންފިލުއްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާގެ އަދަދާ ގުޅޭ ގޮތުން ސުވާލުކުރެއްވުމަށް ހުށަހެޅުއްވި ސުވާލުގައި އީވާ ވިދާޅުވީ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުން ސަރުކާރަށް ބޭނުންކުރެވޭ ގޮތަށް ހުރީ 317 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި މި ޖޫން މަހާއި ކުރިއަށް އޮތް ޖުލައި މަހު ރާއްޖެއިން ދަރަނި އަދާކުރުމަށް 130 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ ކަމަށް ވެސް އީވާ ވިދާޅުވެފައިވެ އެވެ.

މި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރު ކަމުގައި ވެސް އީވާ ފާހަގަކުރެއްވި އެވެ.

މާލީ ކަންކަން މިގޮތަށް ހުރިއިރު، ޖުލައި މަސް ނިމޭއިރު ސަރުކާރުން ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެކަމަށް ލަފާކުރެވޭތޯ،" އީވާގެ ސުވާލުގައިވެ އެވެ.

މާލީ ކަންކަން މިގޮތަށް ހުރިއިރު، ޖުލައި މަސް ނިމޭއިރު ސަރުކާރުން ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެކަމަށް ލަފާކުރެވޭތޯ
މެންބަރު އީވާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 91.4 ބިލިއަނަށް އަރާފަ އެވެ. އޭގެ ތެރެއިން 50 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 41 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. މީގެ ތެރޭގައި އަދި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ނުހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުރީ 47.9 ބިލިއަން ރުފިޔާ އެވެ. ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމުނު އިރު ދަރަނި ވަނީ 43 ބިލިއަން ރުފިޔާއިން އިތުރުވެ 91.4 ބިލިއަނަށް ވަނީ އަރާފަ އެވެ. އަދި ރައީސް ސޯލިހްގެ 5 އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާނެ ކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.