ވޮޝިންޓަަން (08 ޖޫން) - ދުނިޔޭގެ އިގުތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށް ވުރެ 2.9 ޕަސެންޓް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން އިންޒާރު ދީފި އެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނެފައިވަނީ ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށާއި އެކަމުން ލިބިފައިވާ ގެއްލުން ކޮވިޑް 19އިން ލިބުނު ގެއްލުމާއެކުވެ ބޮޑުވެފައިވާ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ މިއަހަރު ބައިނަލްއަގްވާމީ އިގްތިސާދުގެ ކުރިއެރުން 2.1 ޕަސެންޓް ދަށްވާނެ ކަމަށް ލަފާ ކުރެވޭއިރު އަންނަ އަހަރު އެ އަދަދު ހުރީ 1.5 ގައި ކަމަށެވެ.

މިކަމުގެ ސަބަބުން ގައުމުތަކުގެ އިންފްލޭޝަން މަތިވެ ގައުމީ ރިޒާވް ދަށްވާނެ ކަމަށް ވިދާޅުވަމުން މަލްޕާސް ވަނީ މިއީ ކޮވިޑް 19 ގެ ފުރަބަންދުތަކާއި ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުން ކަމަށްވެސް ފާހަގަ ކުރައްވާފަ އެވެ.

މިކަމާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި އެ ބޭންކުން ވަނީ މިއަދުގެ ހާލަތު މީގެ 50 އަކަށް އަހަރު ކުރިން 1970ގެ އަހަރު ތަކުގެ ތެރޭގައި އޮތް ދުނިޔޭގެ އިގްތިސާދާ ދާދި އެއްގޮތް ކަމަށް ބުނެފަ އެވެ.

70 ގެ އަހަރު ތަކުގައި ދުނިޔޭގެ އިގްތިސާދުތައް ދަށްވެ އިންޓްރެސްޓް ރޭޓް ތަކާއި އިންފްލޭޝަން ރޭޓް މަތިވެ ގިނަ ގައުމުތަކަކަށް ވަނީ ބަނގުރޫޓު ވުމުގެ ބިރު ކުރިމަތިވެފަ އެވެ.

މި ރިޕޯޓުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުތައް ކަމުގައިވާ ޗައިނާ، ރަޝިއާ އަދި އެެމެރިކާއަކީ ކޮވިޑް 19އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އިގްތިސާދުތައް ކަމަށާއި އެހެން ކަމުން އެ އަސަރު މުޅި ދުނިޔޭގެ ބާޒާރުން ފެންނާނެ ކަމަށެވެ.

ޗައިނާގައި ކޮވިޑް ފެތުރުން އތުރުވެ ލޮކްޑައުން ފިޔަވަޅުތައް އަޅާ އިގްތިސާދީ މަސައްކަތްތައް ހުއްޓިފައިވާއިރު ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ އިގްތިސާދު ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފަ އެވެ. -- ރޮއިޓާސް