މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑް ގޮތުގައި ތަރައްގީކުރަމުން އަންނަ ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމްކުރުމަށް ވަޅުލަންޖެހޭ ކޭބަލްތައް ވަޅުލާ ނިމިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅާ އެއްގޮތަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމްކުރުމަށް ވަޅުލަންޖެހޭ 3000 މީޓަރުގެ ކޭބަލް މިހާރު ވަޅުލާނިމިފައިވާ ކަމަށެވެ.

ކުޑަގިރީގައި ސްޓެލްކޯއިން ހަވާލުވެފައިވަނީ އެ ރަށުގެ މަގުބައްތި ޖެހުމާއި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމެވެ.

މާލެ އާ 10.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ބުނާ ގޮތުން، ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާނެ އެވެ. އެއް ރަށް ހިއްކަނީ އަށް ހެކްޓަރަށެވެ. އަނެއް ރަށް ހިއްކަނީ ފިނޮޅެއް ގޮތަށް 1.5 ހެކްޓަރަށެވެ.

މާލެ ކައިރިން ދަތުރު ދިއުމަށް ހަދާ ރަށަކީ އާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ހިދުމަތްތަކެއް ހިމެނޭ ގޮތަށް ހަދާ ރަށެކެވެ.

މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހު އެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.