ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ކުޑަކުދިންނަށް ސްނޯކްލިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ދިރާގުން ބުނީ ކަނޑުއަޑީގެ ރީތިކަން ކުދިންނަށް ދައްކައިދީ ކަނޑުގެ ދިރުންތައް އެ ކުދިންނަށް ދެއްކުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ކުދިންނަށް ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކަނޑާއި، ކަނޑުގެ ދިރުންތަކާއި، މި ވަގުތުގެ މެރިން އީކޯ ސިސްޓަމްގެ ހާލަތަށް އެ ކުދިން އަހުލުވެރި ކުރުމުގެ ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ދިރާގުން ބުނެ އެވެ. މި ސެޝަންތައް ގެންގޮސްފައި ވަނީ ދިރާގުގެ އެމްބެސެޑާ ޒޫނާ ނަސީމާ އެކު އެވެ.

ދިރާގުން ބުނީ ކަނޑުތަކުގެ ދުވަހާ އާއި ގުޅުވައިގެން މި ފަދަ ހަރަކާތެއް ބޭއްވުމުގެ މަގުސަދަކީ ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައި މެރިން އިކޯ ސިސްޓަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަހުލުވެރި ކުރުން ކަމަށެވެ.

ދިރާގުން ބޭއްވި މި ހަރަކާތުގައި ބައިވެރިން ވަނީ ކަނޑުތައް ރައްކާތެރި ކުރުމުގެ ހުވައެއް ކޮށްފަ އެވެ. މި އިވެންޓުގެ ބައިވެރިންނަށް ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ދިރާގުން ވަނީ ރީޔޫޒަބަލް ބޭގްތަކެއް ހަދިޔާ ކޮށްފަ އެވެ. ދިރާގުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ކަނޑާއި، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގައި ކުރެވެން ހުރި ކަންތައްތައް ކޮށް އެ ފަދަ ކަންތައްތަކަށް ބާރު ދޭނެ ކުންފުންޏެއް ކަމަށެވެ.