ފިއުސް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ އުފުލަން ބޮޑު ބާޖެއް ގެނެސްފި އެވެ.

އެފްއެސްއެމްއިން ބުނީ އަލަށް ގެނައި ބާޖަކީ އެއްފަހަރާ 360,000 ލީޓަރުގެ ތެޔޮ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ބާޖެކެވެ. އަތޮޅުތަކަށް ތެޔޮ އުފުލާ ފްލީޓަށް އަލަށް ގެނައި ބާޖަކީ މިހާރު އެކުންފުނީގައި ބޭނުން ކުރާ ބާޖުތަކަށްވުރެން ބޮޑު ބާޖެކެވެ.

މި ބާޖާއެކު އެކުންފުނިން ރަށްރަށަށް ތެޔޮ އުފުލުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެފްއެސްއެމްއިން ބުނެ އެވެ.

2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ ހަތަރު ބާޖެއް ބަނުމުގެ މަސައްކަތް ފަށާފަ އެވެ. މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ބަންނަމުން ދިޔަ މި ބާޖުތަކުން ދެ ބާޖެއް ވަނީ މިދިޔަ ރޯދަމަހުގެ ފަހުކޮޅު ރާއްޖެ ގެނެސްފަ އެވެ. އަލަށް ބަންނަ ބާޖުތަކުގެ ތެރެއިން ބާކީ އޮތް 2 ބާޖު ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިޔަށް އޮތް މަސްދުވަސްތެރޭ މި ދެ ބާޖު ވެސް ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ތެޔޮ ގެންގޮސްދެމުން އަންނަ އެފްއެސްއެމްގެ ފްލީޓްގައި 20 ބާޖު އޮވެ އެވެ.