މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫން ހާސިލްކޮށްފި އެވެ.

ކޮވިޑް- 19ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާގެ ހިދުމަތަށް ވެސް ވަނީ ފާހަގަކޮށްލެވޭ އެވޯޑެއް ލިބިފަ އެވެ.

2022 އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް:

  • ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތައް)
  • ސިލްވަ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)
  • ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް- ފައިސާގެ ހިދުމަތްތައް)

އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ޑިޖިޓަލް ޚިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދިން އެ ކުންފުނީގެ އިސްނެގުންތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް، ވަރަށް އިހުލާސްތެރިކަމާއި ބުރަ މަސައްކަތުން، އެ ކުންފުނީގެ ޓީމުން އީޖާދީ ޚިދުމަތްތައް ތައާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމާ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުގުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން. ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ކަސްޓަމަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އުރީދޫ ޓީމް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ހަމާދީ ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކާއެކު ވެސް، އެ ކުންފުނިން ކަސްޓަމަރުންގެ ބަދަލުވެ، އިތުރުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ބޮޑެތި އިންވެސްޓްތަކެއް ވަނީ ކޮށްފަ އެވެ.

އެގޮތުން ޓައާ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ވެސް ފެށި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

އޭގެ އިތުރުން އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ފަދަ އީޖާދީ ޕްރޮޑަކްޓްތައް ތައާރަފްކުރުމާއި، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ވެގެންދިޔައީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެ ކުންފުނީގެ ކުރިއެރުމަށް ލިބުނު ހިތްވަރަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް އުރީދޫ އަމާޒާ އެއްގޮތަށް، ޑިޖިޓަލް ހިދުމަތްތަކުން ހުޅުވިގެންދާ ފުރުސަތުތައް މުޖުތަމައުއަށާއި ވިޔަފާރިތަކަށް ހުޅުވާލުމަށް އުރީދޫން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި ކުދި ވިޔަފާރި އާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރަނުންނަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމުގައި މޫލީއިން މުހިންމު ދައުރެއް އަދާކުރާއިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި، އޮންލައިން ޕްލެޓްފޯމްތަކާއި، ކެފޭ އަދި ފިހާރަތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން އަންނަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދައި، ފަޚުރުވެރި އެވޯޑްތައް ހާސިލްކުރަމުން ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓައި، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ." އެ ކުންފުނިން ބުންޏެވެ.