މިއަހަރު ފަހުކޮށްޅު ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ނެރުމަށް އެމްޑަބްލިޔުއެސްސީއިން ތައްޔާރުވެއްޖެ އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މިސަރުކާރުގެ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުގެ ދަށުން އެކުންފުނި ވެސް ފުރިހަމަ އެއްބާރުލުމެއް ދިނުމުގެ ގޮތުން ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓްގެ މަސައްކަތް ނިމި ޓެސްޓިން ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީއިން މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ފަހުކޮޅު ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްފައި ބާޒާރަށް ނެރުމަށެވެ.

އެމްޑަބްލިޔުއެސްސީއިން ވަނީ ބިއްލޫރިފުޅީގައި ފެން ބަންދުކުރާއިރު ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެ ބުނެފަ އެވެ. އެއީ ޕްރިމިއަމް ޕްރޮޑަކްޓެއް ނެރުމާއެކު ތާޒާ ފެން ބަންދުކުރާ ބިއްލޫރި ފުޅިއަށް ބަދަލުކުރުމެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ބިލުގެ ދަށުން މިއަހަރުގެ ޖޫން މަހުން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަސަރު ކޮށްފައިވާތީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކަމަށް ކަނޑައަޅާފައެވެ. އެގޮތުން ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުން މަނާ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ.