މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި އެވެ.

މީރުމާގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 60 ލާރި ބެހުމަށް ނިންމާފައިވަނީ އެކުންފުނީގެ ހިއްސާދާރުންގެ ތާއީދާއެކު އެވެ. 2020 ވަނަ އަހަރު އެމްޓީޑީސީއިން ހިއްސާއަކަށް ބަހާފައިވަނީ 50 ލާރި އެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 211.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2020ވަނަ އަހަރު ލިބުނު ފައިދާގެ އަދަދު ކަމުގައިވާ 50.8 މިލިއަން ރުފިޔާ އަޅާ ބަލާއިރު، 160.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެ ކުންފުނީގެ ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާ ގުޅިގެން ސަބްލީޒްގެ ސާފު އިންވެސްޓުމަންޓް ރެކޯޑުކުރަން ނިންމުމާ ގުޅިގެން ލީސް މޮޑިފިކޭޝަންގެ ސާފު ފައިދާ އިތުރުވެގެން ދިޔުން ކަމަށް އެމްޓީޑީސީން ބުނެ އެވެ.

ކުންފުނީގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސަބްލީޒްގެ ސާފު އިންވެސްޓުމަންޓުން ލިބުނު އިންޓްރެސްޓް ނަމަވެސް ކުއްޔަށްދީފައިވާ ރަށްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްދިނުމުގެ ސަބަބުން ލީޒް މޮޑިފިކޭޝަންގެ ސާފު ފައިދާއަށް 211.1 މިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވާތީ އަހަރުގެ ތެރޭގައި، ކުންފުނީގެ މާލީ ހާލަތުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި ކަމަށް އެމްޓީޑީސީން ބުނެ އެވެ.

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 5 ޑިރެކްޓަރުން ވެސް އިންތިހާބުކޮށްފަ އެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ވެސް އަހަރީ އާއްމު ޖަލްސާގައި ފާސްކުރި އެވެ.