ވިޔަފާރި ބޭނުންތަކަށް ދިވެހިން އާންމުކޮށް ދަތުރުކުރާ ތައިލެންޑްގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

ކުރިން ހަފްތާއަކު ހަތަރު ދަތުރު ބެންކޮކުން ރާއްޖެއަށް ކުރަމުން ދިޔަ އެއާލައިނުން ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑާ ގުޅިގެން މާޗް 2020 ގަ އެވެ.

ބެންކޮކް އެއާވޭސްގެ ދަތުރުތައް ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެ އެއާލައިންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ބެންކޮކް އެއާވޭސްގެ އިތުރުން ތައި އެއާ އޭޝިއާ އިން ވެސް ރާއްޖެއާއި ތައިލެންޑްގެ ބެންކޮކާ ދެމެދު ދަތުރުތައް ކުރެ އެވެ. މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ފެށި މިދަތުރުތައް ކުރަނީ ހަފްތާއަކު ދެ ދުވަހު އެވެ.

އާއްމު ގޮތެއްގައި ބެންކޮކް އެއާވޭސްގެ ޓިކެޓުގެ އަގު އުޅެނީ 500 ޑޮލަރުން މަތީގަ އެވެ.

ކޮވިޑަށް 19 އަށް ފަހު ތައިލެންޑް އަލުން ހުޅުވާލާފައިވާއިރު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.