ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އަމަލީ މަސައްކަތްތައް ފަށައިފި އެވެ.

ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ.

މިނިންމުމާ ގުޅިގެން ސްޓެލްކޯއިން ވަނީ މިއަދު އެކުންފުނީގެ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ޓްރާމްސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ފަށާފަ އެވެ.

ސްޓެލްކޯއިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައިމަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ދެއްވާފަ އެވެ.

ސްޓެލްކޯއިން އެކުންފުނީގެ ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ލަސްވެފަ އެވެ.

ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން އެޗްޑީސީން ބުނީ އެ ނެޓްވޯކަކީ އެޗްޑީސީ އިން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަޝްރޫގައި މިވަގުތު ކުރެވެމުން ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި މައި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތެވެ.

ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުން ވަގުތީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަވަށުގައި ހުރި އަމިއްލަ މީހުންގެ އިމާރާތްތަކަށް އެ ބަޔަކާ ސްޓެލްކޯއާ ދެމެދު ވެވޭ އެއްބަސްވުމަކުން ވަގުތީ ގޮތުން ދަނީ ކަަރަންޓް ދެމުންނެވެ.

"މިގޮތުން މި ކޯޕަރޭޝަންގެ ޕްރޮޖެކްޓެއް ކަމަށްވާ ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމަށް ތައްޔާރުވުމަށްޓަކައި މި ކޯޕަރޭޝަނުން ހަރަދުކޮށް ސްޓެލްކޯ އާއި ބްރައުންސް ސީއެމްއީީސީ އަށް ހަވާލުކޮށްގެން ކަރަންޓް ނެޓްވޯކް ގާއިމުކުރެވުފައިވާނެ އެވެ. އަދި މި ދެންނެވުނު އުސޫލުން ސްޓެލްކޯ އާއި ގުޅިގެން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކަށް ކަަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަން ފާހަގަކުރަމެވެ،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ ހުރި ދަތިތަކާ ހެދި އަމަލީ މަސައްކަތް ލަސްވެފައިވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށެވެ.