އައްޑޫ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ދެ ދުވަހުގެ ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.

އެމްޕީއެލްއިން ބުނީ ހިތަދޫ ޕޯޓު ލިމިޓެޑުގެ މައި އޮފީހުގައި ކުރިޔަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމަކީ މުވައްޒަފުން މޯޓިވޭޓްކުރުމާއި ޕްރޮޑަކްޓިވިޓީ އިތުރުކޮށް މުވައްޒަފުންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ކަންކަމުގައި ގުޅިގެން ކުރިޔަށް ގެންދެވޭނެ އެކި ގޮތްގޮތާއި ބެހޭ ގޮތުން، މި ސެޝަންތަކުގައި އަލިއަޅުވާލާނެވެ. އަދި، ކުންފުނީގެ އޮޕަރޭޝަންސް ތަކުގައި ބޭނުންކުރާ އެކި އުޅަނދުތަކުގެ މައުލޫމާތުގެ އިތުރަށް "ޕޯޓް ޓާރމްސް" އާއި ބެހޭ ގޮތުންވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޕީއެލްގެ ޕޯޓު ލާރނިން އެންޑް ޑިވެލޮޕްމަންޓް (ޕީޓީސީ)ން "ލީޑަޝިޕް އެންޑް ޗޭންޖް މެނޭޖްމަންޓް ޕްރޮގްރާމު"ގެ ނަމުގައި ކުރިޔަށް މި ގެންދާ ޕްރޮގްރާމް ވަނީ މާލޭ ކޮމާޝަލް ހާބަރުގައި މަސައްކަތްކުރާ މެނޭޖަރުންނާއި އަދި، ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި މަސައްކަތް ކުރާ މެނޭޖަރުންނަށް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.

އެމްޕީއެލްގެ ދަށުން މެނޭޖްކުރަމުން އަންނަ އައްޑޫސިޓީ ހިތަދޫ ޕޯޓުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެންނެވެ. އެގޮތުން، އެޗްޕީއެލްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ 40 މުވައްޒަފުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.

އައްޑޫސިޓީ ހިތަދޫ ޕޯޓުގައި ހިންގާ ޕްރޮގްރާމްގެ ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރިވާ، އާދަމް ނަސީރަކީ ޖޯންސީ މެކްސްވެލް ސެޓިފައިޑް ކޯޗު، ޓްރެޓްރެ މާސްޓަރ ފެސިލިޓޭޓަރ އަދި އެން.އެލް.ޕީ ގެ މާރސްޓަރ ޕްރެކްޓިޝަނަރއެކެވެ. ނަސީރަކީ 20 އަހަރަށްވުރެން ގިނަ ދުވަހު ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއީ ޑިވެލޮޕްމަންޓްގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.