ސަރުކާރުގެ މަސް ބަންދުކޮށް ބޭރުކުރާ ކުންފުނި މިފްކާ އުވައިލަން ޖެހޭ ކަމަށާ އަދި މިފްކޯގެ މަސް ބަންދުކުރާ ފެލިވަރު ކާރުޚާނާ ބަންދުކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ގަރާރާ ގުޅިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ގޭދޮށުގައި މަސް ޕްރޮސެސްކޮށްގެން އަމިއްލަ ފަރާތްތަކުން ވިއްކައިގެން ނޫނީ ފައިދާއެއް ނުލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިފްކޯއަކީ އުވާލަންޖެހޭ ތަނެއް ކަމަށާއި ފެލިވަރު ބަންދުކުރަންޖެހޭ ކަމަކީ ވެސް ކުރިއްސުރެ އެނގިވަޑައިގަންނަވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަސް ކިރުން ލަސްވުމާއި މަސް ކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާތީ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް އެކަށީގެންވާ މިންވަރުގެ އަގެއް އެމީހުން ބާނާ މަހަށް ލިބޭނީ މަސްވެރިކަން ކޮން ގޮތަކަށް ރާވާލައިގެންތޯ ކުރެވޭ ސުވާލަކީ ޒަމާންވީ ބަހުސެއް ހިނގާ މައުލޫއެއް ކަމަށެވެ. އަދި 1970 ގެ ތެރޭގައި މަސް ދޯނިފަހަރުގައި އިންޖީނު ހަރުކުރުމުގެ ކުރިން ދިވެހިން މަސް ބާނައިގެން މަސް ކައްކައި، މަސް ހިއްކައިގެން ބޭރުކުރާތާ 800 އަހަރަށްވުރެ ގިަނ ދުވަސް ހޭދަވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ރާއްޖޭގެ އިގުތިސާދު މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އެތައް ޒަމާނެއް ވަންދެން ހުރި،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖެއިން ބާނާ މަހުގެ 70 އިންސައްތަ ބޭރުކުރަނީ "ރޯ މެޓީރިއަލް"ގެ ގޮތުގައި ކަމަށެވެ. އަދި ޕްރޮސެސްނުކޮށް ކަމަށާއި ރަނގަޅު ދުވަހަކު އެއް ޓަނު މަހަށް ލިބެނީ 1،200 ޑޮލަރު ކަމަށާއި ޕްރޮސެސްކޮށްފައި ބޭރުކުރުމުން އެންމެ ގޯސް ދުވަހެއްގައި ވެސް 2،500 ޑޮލަރު ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި މަސް ރައްކާކުރާ ތަންތަނާއި މަސް ކާރުޚާނާތައް ހިންގަނީ ބޮޑު ގެއްލުމުގައި ކަމަށާއި އެހެން ވަނީ ސަރުކާރުން އެތަންތަން ހިންގާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަސްވެރިކަން އަމިއްލަ ފަރާތްތަކަށް ހުޅުވައިލުމުން އެ ކުންފުނިތަކުން މަސް ބަންދުކޮށް މަސް ބޭރުކުރާނެ ކަމަށާ އެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މިފްކޯ އުވައިލަންޖެހޭ ކަމަށާއި އަދި ފެލިވަރު ބަންދުކުރަންޖެހޭކަމީ މިހާތަނަށް ހަދާފައިވާ ހުރިހާ ދިރާސާއަކުން ފެންނަ ހަގީގަތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.