ރާއްޖެ އޮތީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއްގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމެޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ދަރަނި މެނޭޖްކޮށްފައިވަނީ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަމަށެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރެވިދާނެ ގޮތްތައް ވެސް އަމީރު ވަނީ ވިދާޅުވެދެއްވައިފަ އެވެ.

"އެއްގޮތަކީ މިހާރު ހުރި ލޯނުތަކުގެ މެޗުއަރިޓީ ޕީރިއަޑު ދިގުކުރުން. ނޫނީ އިންޓަރެސްޓް ރޭޓު ދަށްކުރުން، ދެ ގޮތެއް އޮވޭ މިކަންތައް ކުރުމުގެ. އެއީ މާކެޓް ފްރެންޑްލީކޮށް ކުރުން. ދެން އޮތީ މާކެޓް ބަލައިނުގަންނަ ގޮތަކަށް އެކަން ކުރުން. މިހާތަނަށް މި މަސައްކަތްކޮށްފައިވާނީ، މާކެޓް ފްރެންޑްލީ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މާކެޓުން ބަލައިނުގަންނަ ގޮތަކަށް ދަރަނި މެނޭޖްކުރުމުން، ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓް ދަށްކޮށްލާނެ ކަމަށެވެ. މާލީ ވުޒާރާތަކުން ދަރަންޏަށް ފައިސާ ނެގުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމީހުންނަށް އެކަހަލަ ފީލެއް ވިޔަސް ޓެކްނިކަލީ ޑީ ފޯލްޓުވާ ހާލަތަކަށް ދާނެ. ރޭޓިން އޭޖެންސީސްތަކުން އެއްކޮށް ދަށްކޮށްލާނެ. ސެލެކްޓިވް ޑީ ފޯލްޓަކަށް ދާނެ. ބޭރު ގައުމުތަކުން ދަރަންޏަށް ފައިސާ ނެގުމާއި ޕްރައިވެޓް ސެކްޓާއަށް ވެސް ގެއްލުންވާނެ. ބޭންކިން ނިޒާމަށް ވެސް ގެއްލުންވާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭ މިންވަރަށް ދަރަނި މެނޭޖްކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މިހާރު ލިބިފައިވާ ކުރިއެރުންތަކަކީ، ކޮވިޑުގެ ދުވަސްވަރު ދަރަންޏަށް ފައިސާ ނަގައިގެން އިގްތިސާދީ ހަރަކާތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިޔުމުން ލިބުނު ކުރިއެރުންތައް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން މަތިވަމުން ދިޔުމާއި، ދައުލަތުގެ އާމްދަނީ އިތުރުވުމާއެކު، ދަރަނި ނަގާ މިންވަރު ވެސް ދަށްވެ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށްވަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ، ކުރީގެ ހާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫއަ ވެވޭނެ ކަމަށެވެ.