ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ޔޫއެންޑަބްލިއުޓީއޯ އަކީ ޔޫއެންގެ ދަށުން ހިންގާ ޓޫރިޒަމާ ގުޅޭ އޯގަނައިޒޭޝަނެކެވެ. މިތަނުގެ ގްލޯބަލް ސަމިޓު އޮންނާނީ މި މަހުގެ 15 އާއި 16 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

މި އަހަރުގެ ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓު އޮތީ ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްފަ އެވެ. މި ސަމިޓުގައި، ލޯކަލް ޓޫރިޒަމް ކުރިއަރުވައިގެން ތަރައްގީއަށް ލިބޭނެ ފައިދާތަކާއި ދިމާވެދާނެ ދަތިތަކާއި ގުޅޭގޮތުން މަޝްވާރާކުރުމަށް ހަމަޖެހިފައިވެ އެވެ.

އެ ސަމިޓު ރާއްޖޭގައި ބާއްވަން ނިންމީ ޓޫރިޒަމްގެ ރަން އަހަރު ފާހަގަ ކުރުމަށް ސަރުކާރުން އެ އޮގައިނައިޒޭޝަނާ އެކު ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ސަމިޓަށް ދޭ އެއްބާރުލުމާއި ޓޫރިޒަމްގެ ރަން އަހަރު ފާހަގަ ކުރުމުގައި ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި މިނިސްޓަރު ޑރ. މައުސޫމް ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މި ނިންމުމުގެ ސަބަބުން ސަމިޓްގެ ބައިވެރިންނަށް އެކަކު އަނެކަކާ ގުޅި އަދި އެ ބޭފުޅުންގެ ޑިޖިޓަލް އެކްސްޕީރިއަންސް ކުރިއަރާނެ، ދިރާގުގެ އެހީތެރިކަން ބަލައިގަންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ސަމިޓުގައި ބައިވެރިވާ ދިވެހި އަދި ބައިނަލްއަގުވާމީ ޓޫރިޒަމްގެ މާހިރުންގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ވަގުތު ކަނެކްޝަންއަށް އެއްވެސް ގޮންޖެހުމެއް ދިމާނުވާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.

އެ ސަމިޓުގައި ބައިވެރިވެ ޓޫރިޒަމް މިނިސްޓްރީއަށް އެހީވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.