ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއާ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާއެއް ހަދިޔާ ކުރުން ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއަރ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

އެ ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމެވެ. މި 65 ވީލްޗެއާ އާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.