ތ. ފުނައްޑޫގައި ގާއިމުކޮށްފައިވާ މަސް ގަންނަ ފެސިލިޓީ އަލުން އޮޕަރޭޝަނަށް ގެނެވެން އޮތީ 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) ލިބިގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހުސައިން މިހެން ވިދާޅުވީ ފުނައްޑޫގައި މިފްކޯގެ ފަރާތުން މަސް ގަންނަން ފަށާނެ ތާރީހަކީ ކޮބައިތޯ އޮޅުންފިލުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.

ހުސައިން ވިދާޅުވީ ފުނައްޑޫގައި ހަދާފައިވާ މަސް ގަންނަ ފެސިލިޓީ އަލުން އޮޕަރޭޝަން ގެނައުމަށްޓަކައި ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަންޖެހުން ކަމަށެވެ.

ބަނދަރު މިހާރު އޮތް ހާލަތުން އެރަށުން މަސް ގަނެ އެކްސްޕޯޓް ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފުނައްޑޫ ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ އެއްކޮށް މަރާމާރުކޮށް މަސް ގަނެވޭ ހާލަތަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް 152 މިލިއަން ރުފިޔާ ހަރަދު ވާނެ މިނިސްޓަރު ލަފާ ކުރައްވައެވެ. ނަމަވެސް މި ފައިސާއަކީ މި އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހަޅައި ފާސް ކުރި ބަޖެޓުގައި ހިމެނިފައިވާ ފައިސާއެއް ނޫނެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު ދައުލަތުގެ ކޭޝް ފްލޯގެ ހާލަތު ހުރި ގޮތުން މިކަމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މިފްކޯ އަށް އަންގަވާފައި ވާނެ ކަމަށާއި މި ފައިސާ ލޯނުގެ ގޮތުގައި ހޯދުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ބޭންކުތަކާއެކުގައި މިފްކޯގެ ފަރާތުން މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މިފަދަ ލޯނެއް ނެގުމަށް ބޭނުންވާ ކަންކަން ހަމަޖައްސަން މަދުވެގެން ދެ މަސް ހޭދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އަދި މަސައްކަތް ފެށޭ ތާރީހުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަދި ބޭނުންވާ ލޯން ހަމަޖެހި، ފުނައްޑޫ އަށް މަސް ގަންނަން ފެށޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.

ފުނައްޑޫ ތަރައްގީ ކުރަން މިފްކޯއާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ. ސަރުކާރުން އެ ރަށް ހަވާލުކޮށްފައި ވަނީ ބޭންކަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޯސްޓް ދެއްކުމަށް ފަހު ކަމަށްވެއެވެ.

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ބީއެމްއެލުން ނަގާފައިވާ ލޯނަކަށް އަނބުރާ ފައިސާ ނުދައްކައިގެން ބޭންކަށް އެ ރަށް ނެގުމުންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ އެ ރަށް މިފްކޯ އަށް ގަނެފަ އެވެ.