އެކި ދާއިރާތަކުން ދިރާސާތައް ހެދުމަށް ވިލާ ކޮލެޖާ އާއި އެމްޑަބްލިޔުއެސްސީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ވިލާ ކޮލެޖުގެ ފަރާތުން އެކޮލެޖުގެ ރެކްޓަރު ޑޮކްޓަރ އަހުމަދު އަންވަރު އެވެ.

މި ރަސްމިޔާތުގައި ވިލާ ކޮލެޖް އާއި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީ އާއި ގުޅުންހުރި ދާއިރާތައް ދިރާސާކުރުމަށް ސައުގުވެރިވެލައްވާ ދަރިވަނުންނަށް، ވިލާ ކޮލެޖް މެދުވެރިކޮށް ފުޅާދައިރާއެއްގައި ދިރާސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި މި ދިރާސާތަކުގެ ފެންވަރަށް ބަލައި، އެންމެ ރަނގަޅު ދިރާސާތައް ފާހަގަކޮށް އެމްޑަބްލިއުއެސްސީގެ މެމްބަޝިޕް އޮންނަ އިންޓަނޭޝަނަލް ޑީސެލިނޭޝަން އެސޯސިއޭޝަން (އައިޑީއޭ) ނުވަތަ ވޯލްޑް ވޯޓާ ކައުންސިލް ފަދަ ޖަމިއްޔާތަކުން ހިންގާ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި މި ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް އޮންނާނެ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.

އެފަދަ ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ހިނގާ ހަރަދާއި ދިރާސާތައް ޝާއިއު ކުރުމަށް ހިނގާ ހަރަދު އެމްޑަބްލިޔުއެސްސީއިން ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިޔުއެސްސީ ބުނީ މިފަހުމުނާމާގެ ސަބަބުން، ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ ތަރައްޤީވެ، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ،އިލްމީ ހޯދުންތައް ހޯދުމުގައި އައު ގޮތްތައް ތައާރަފް ވެގެންދިޔުން ކަމަށެވެ.