ގޭދޮށު މަސް ފެކްޓަރީ އެޅުމަށް އިންޑިޔާއިން ދީފައިވާ ފައިސާއިން ދުމަށްޓެއް ވެސް ނުބެހެއްޓޭނެ ކަމަށް ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަަމުން ސައީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމަށް ކަނޑައަޅާފައިވަނީ އެންމެ 13 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.

"ބައްލަވާ ކިހާވަރެއްތޯ މަސްވެރިކަމަށް ކަނޑައަޅާފައިވަނީ. 13 މިލިއަން އެމެރިކާ ޑޮލަރު. އެންމެ 13 މިިލިއަން އެމެރިކާ ޑޮލަރު. ނެތް އޮފްޝޯ ޕްލެޓްފޯމެއް. ނެތް ގޭދޮށު މަސް ފެކްޓަރީއެއް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ގޭދޮށު މަސް ފެކްޓަރީއެއް ހެދުމަށް މިހާތަނަށް ކުރެވިފައިވަނީ އެންމެ ކަމެއް ކަމަށެވެ. އެއީ އައްޑޫގައި 120،000 އަކަފޫޓުގެ ބިމެއް އެކަމަށް ކަނޑައެޅިކަން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެކަމަށް އިންޑިއާ ސަރުކާރުން ދީފައިވަނީ އެންމެ ހަ މިލިއަން ރުފިޔާކަން ފާހަގަކުރައްވައި، އެއިން ގޭދޮށު މަސް ފެކްޓަރީއެއް ނޭޅޭނެ ކަމަށް ވިދާޅުވި އެވެ.

"އިންޑިޔާ ސަރުކާރުން ހަމައެކަނި އެންމެ ހަ މިލިއަން ރުފިޔާ ދިނީ. ދެން ކޮން ގޭދޮށު މަސް ފެކްޓަރީއެއްތޯ އެޅޭނީ. ދުމަށްޓެއް ވެސް ނޭޅޭނެ އޭގެއިން" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގާނޫނަކީ ބިދޭސީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމަށް ހިންގާ މަކަރުވެރި ހީލަތްތެރިކަމުގެ ތެރެއިން 250،000 ޑޮލަރު ބޭންކުގައި ބެހެއްޓުމުން ރެޒިޑެންސީ ވިސާއާއި އެއާޕޯޓުގެ ވީއައިޕީއާއި، ރަތް ކާޕެޓުގައި ރާއްޖެއަށް ބޭލުމާއި މާ ބޮނޑިއެއް ވެސް ދިނުމަށް ހަދާ ގާނޫނެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ވެސް ހަތަރު މިލިއަން ޑޮލަރު އިންވެސްޓުކުރި ދިވެހިން އެބަތިބި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.