ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް މިއަހަރުގެ ޖޫން މަހަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން މިހެން ބުނެފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ނައިފަރު ކައުންސިލް މެންބަރުނާއެކު ބޭއްވި ބައްދަލުވުމެއްގައި އެވެ.

މިބައްދަލުވުމުގައި ވަނީ ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ދިމާވާ ދަތިތަކާ މެދުގައި މަޝްވަރާ ކޮށްފަ އެވެ. އެގޮތުން، އެމްޑަބްލިއުއެސްސީ އާއި މި ޕްރޮޖެކްޓް ހަވާލުވުމުގެ ކުރިން، ނައިފަރުގައި އަޅާފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ ބައެއް ކޮމްޕޮނެންޓްތައް މަދުވާކަން ވަނީ އެ ކުންފުނިން ފާހަގަ ކޮށްފަ އެވެ.

މި ބައްދަލުވުމުގައި، މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ދާއިރު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް ދެފަރާތުން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޝްރޫއު ނިމިގެންދާއިރު ނައިފަރުގައި ނެޓްވޯކް އެޅުމަށް ކޮނެފައިވާ މަގުތައް ކޮންޕެކްޓްކޮށް އެއްވަރު ކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ފަރާތުންވަނީ ދީފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުންވަނީ މި މަޝްރޫއު ކުރިޔަށް ގެންދިޔުމުގައި ސަރުކާރާއި އެމްޑަބްލިއުއެސްސީގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެމްޑަބްލިއުއެސްސީންވެސް ވަނީ މި މަސައްކަތުގައި ކައުންސިލުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފަ އެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯރކްގެ ނުނިމިވާ 3 ކިލޯ މީޓަރގެ ފެން ހޮޅި އެޅުމާއި، އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމިހުރި މަސައްކަތާއި، ފެންރައްކާކުރުމަށް ބެހެއްޓިފައިވާ ތާންގިތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯކް ގާއިމްކުރުމާއި، 360 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، 1 ސީ އައުޓް ފޯލް ގާއިމްކުރުމާއި، ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 26 އޮކްޓޯބަރު 2020 ގަ އެވެ.