އެމްޑަބްލިޔުއެސްސީ އިން ނ. ހެނބަދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތުގެ މުޅި މަޝްރޫއުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ 41.36 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެނބަދޫގެ ފެނުގެ ނިޒާމްގައި ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތްތަކާއި އަދި ފެން ރައްކައުކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހެނބަދޫގެ ފެނުގެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ އެވެ.