މިސަރުކާރުގެ އަމާޒަކީ އެންމެނަށްވެސް ފަސޭހައިން އާދެވޭނެ އަދި އެންމެންގެ ބައިވެރިވުން އޮތް ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ މިއަދު ހެނދުނު ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބުލިޔުޓީއޯ) ގުޅިގެން ބާއްވާ މި ސަމިޓްގައި މަޝްވަރާކުރާނީ، މުޖުތަމައުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުސަތުތަކާއި އަދި ގޮންޖެހުންތަކާއި ގުޅޭ ގޮތުންނެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މުޖުތަމައުގެ އެންމެން ޝާމިލްކޮށްގެން ތަރައްގީ ގެނައުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހިފައިވާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހަށްވެސް އަލި އަޅުއްވާލައްވަމުން ނައިބް ރައީސް ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖޭގެ އިގުތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި ކުރިން މަސައްކަތްކުރެއްވި ފަރާތްތަކަށް ކުރިމަތިވި ތަފާތު ހުރަސްތައް ފާހަގަކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންނާއި، އެބޭފުޅުންގެ ފިޔަވަޅުމަތީގައި މަސައްކަތްކުރައްވައި މިއަދު ރާއްޖެއަކީ، ދުނިޔޭގެ އިތުބާރުހުރި ބްރޭންޑަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ވިދިވިދިގެން ދެ އަހަރު ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވައި ނައިބް ރައީސް ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ އުމުރާނީ ތަރައްގީ، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކޮށްފައި ވާކަމަށެވެ.

އެގޮތުން މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި 426 ޓޫރިޒަމް ފެސިލިޓީ ހުޅުވައި، ބެޑް ކެޕޭސިޓީ ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ ހިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެކަމަށް ލަފާކުރެއްވޭ ކަމާއި، މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށްދާކަން ފާހަގަކުރައްވައި، އެތަންތަން ތަރައްޤީކޮށް ނިމޭއިރު 5000 އެނދު އިތުރުވެގެންދާނެ ކަންވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އިގުތިސާދަށް ލިބެމުން އައި ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އިއާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިގުތިސާދު އިއާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލްވާ ތަރައްގީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ދިނުމާއި، އައު އީޖާދުތައް ބޭނުންކުރުމާއި އޭގެ ފައިދާ މުޅި މުޖުތަމައަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ޙިއްޞާކުރުމުގައި އީޖާދީ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ނައިބް ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ދުވެލި މަޑުޖެހިފައި ވާއިރު، އެކަމަށް އުފެއްދުންތެރި ހައްލުތަކެއް ބޭނުންވާ ކަމަށެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ބިނާކުރުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންގެ ޘަޤާފީ އަދި ގުދުރަތީ ތަރިކަ ރައްކާތެރިކުރާ ވަސީލަތެއްގެ ގޮތުގައި ފަތުރުވެރިކަން އަލުން ބިނާކޮށް ރަނގަޅު ވަޒީފާތަކާއި އާމުދަނީ ލިބޭ ގޮތް ހެދުން މުހިއްމު ކަމަށެވެ.