މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6،396.25 ރ ކަމަށް ކަނޑައަޅައިފަ އެވެ. މީގެ ކުރިން މިއަހަރުގެ މާޗުމަހު ކަނޑައަޅާފައިވާ ނިސާބުގެ އަދަދަކީ 7241.15ރ އެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަތަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެ އެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރި ނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

މުދަލު ޒަކާތް މީގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާ އަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު ވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ އެވެ.

މީރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަސްތެރޭ މުދަލުގެ ޒަކާތުގެގޮތުގައި ވަނީ 43 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 34 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 26 އިންސައްތަ އިތުރު އަދަދެކެވެ.