ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން 101 މިލިއަން ޔޫރޯ (1.65 ބިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

މި ލޯނު އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު އެވެ.

ނެދަލެންޑްގެ އޭބީއެން އޭމްއާރުއޯ ބޭންކް އާއި އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭން އަދި އައިއެންޖީ ބޭންކުން ދިން ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ލޯނުދިން ގޮތުގެ ތަފުސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މާލެއާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ބަނދަރާއި މީހުން ދިރިއުޅޭ ސަރަހައްދު ހިއްކާނީ ނެދަލެންޑްގެ ބޮސްކާލިސް އިންނެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ގުޅިފަޅުން 3،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މާލެ ކައިރީގައި އޮންނަ ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން ނިންމި ނިމުން ބާތިލުކޮށް މިސަރުކާރުން ކުރިން ނިންމާފައި އޮތީ ގުޅީފަޅުގައި ބޯހިޔާވަހިކަމާއެކު، ކޮމާޝަލް ޕޯޓެއް ތަރައްގީ ކުރުމަށެވެ.