ޕޮލެންޑުގެ ގައުމީ އެއާލައިން، "ލޮޓް ޕޮލިޝް އެއާލައިންސް"ގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ލޮޓް ޕޮލިޝްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޕޮލެންޑްގެ ވެރިރަށް ވާސޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ބުރާސްފަތި ދުވަހަކު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އެ އެއާލައިންގެ ދަތުރުތައް އަލުން ފެށިއިރު ފުރަތަމަ ދަތުރުގައި 294 ފަސިންޖަރުން އައިސްފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ލޮޓް ޕޮލިޝްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިން 787 މަރުކާގެ މަތިންތާބޯޓުތަކެއް ކަމަށެވެ. މިއީ 290 މިީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ލޮޓް ޕޮލިޝްއިން ރާއްޖެއަށް ހަފްތާއަކު އެއް ދަތުރުކުރާނެ އެވެ.

ޔުކްރޭނާ އެއް ބޯޑަރެއް ހިއްސާކުރާ ގައުމުން ދަތުރުތައް މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށުމުން، އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ނުރައްކާވުމުންނެވެ. ޕޮލެންޑަކީ ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ގައުމެކެވެ.

މިއަހަރުގެ ޖެނުއަރީން މާޗުގެ ނިޔަލަށް ޕޮލެންޑުން ރާއްޖެއަށް 7،900 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 56 ޕަސެންޓް އިތުރު އަދަދެކެވެ.

ޕޮލެންޑްގެ ގައުމީ އެއާލައިންއިން ރާއްޖެއަށް ކުރާ މި ދަތުރުތަކުގެ ސަބަބުން އައު މާކެޓްތަކަށް ރާއްޖޭގެ ޓޫރިޒަމް ހުޅުވި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެ އެވެ. މިހާރު ވެސް ރާއްޖެއަށް ބައިނަލްއަގުވާމީ 41 އެއާލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.