ބެންކޮކް (17 ޖޫން) - ތައިލެންޑަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ކުރިން ރަޖިސްޓްރީވުން އުވާލައި އެ ގައުމަށް ފަތުރުވެރިން ޒިޔާރަތްކުރުމުގައި އިތުރު ލުއިތަކެއް ދީފި އެވެ.

ދިވެހިން ވެސް އެކި ބޭނުންތަކަށް ގިނަ އަދަދަކަށް ދަތުރުކުރާ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ޕިޕަޓް ރަޓްޗަކިޓްޕްރަކަން މިއަދު ވިދާޅުވީ އެގައުމަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ހޯދަން ޖެހޭ "ތައިލެންޑް ޕާސް" އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

މިއާއެކު އެގައުމުގައި އެންމެ އޮތް އެންމެ ފަހުގެ ކޮވިޑް ފިޔަވަޅުތަކަށް ލުއި ދެވުނީ އެވެ. މީގެ އިތުރުން ވެސް އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެއީ އަމިއްލަ ފަރުދުންގެ އިޚްތިޔާރުގައި އޮންނާނެ ކަމެއް ކަަމަށް ވެސް ތައިލެންޑްގެ އިދާރާތަކުން ބުނެ އެވެ.

ތައިލެންޑަކީ ދުނިޔޭގެ އެންމެ މަގްބޫލު ފަތުރުވެރި މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ. އެހެން ނަމަވެސް އެގައުމަށް ވަދެ ނުކުތުމުގައި އޮތް ހަަރުކަށި ފިޔަވަޅުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ކޮވިޑް 19ގެ ސަބަބުން ތައލެންޑުގެ ފަތުރުވެރިކަން ހީނަރުވެ ފާއިތުވި މަސްތަކުގައި ފަތުރުވެރިކަން އާރާސްތުކުރަން ކުރެވުނު މަސައްކަތް ތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކަށް ވަނީ ގެއްލުންވެސް ލިބިފަ އެވެ.

މި ފިޔަވަޅުތަކާއެކު ތައިލެންޑަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ އެ ދާއިރާ އިތުރަށް ކުރިއަރަން މަގުފަހިވާނެ ކަަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. -- ރޮއިޓާސް