ރާއްޖޭގެ އެންމެ ބޮޑު މޫދުއަޑީގެ ރެސްޓޯރަންޓް، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން އެންމެ ފަހުން ހުޅުވި ދެ ރިސޯޓުގައި ހުޅުވައިފި އެވެ.

ކ. އަތޮޅުގެ ފަޅެއްގައި، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ އެ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓް، "އޮބްލޫ ސިލެކްޓް ލޯބިގިލި" ހުޅުވީ މިދިޔަ މާޗު 24ގަ އެވެ.

އެޓްމޮސްފިއާގެ "ކަލާޒް އޮފް އޮބްލޫ" ބްރޭންޑުގެ ދަށުން ތަރައްގީކުރި އެ ދެ ރިސޯޓުގެ ތެރެއިން "އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި"ގެ ނަން ދީފައިވާ ރިސޯޓް ހުޅުވީ މި މަހުގެ 2ގަ އެވެ.

އެ ދެ ރިސޯޓާ ގުޅުވައިގެން އެއް ފަޅެއްގެ ތެރޭގައި "އޮންލީ ބްލޫ'ގެ ނަން ދީފައިވާ ކަނޑު އަޑީގެ ރެސްޓޯރަންޓް ހުޅުވީ މިދިޔަ ހޯމަ ދުވަހު އެވެ.

ވަށައިގެން ބޭރު ނޫ ކުލަތަކާއި ކަނޑުގެ ދިރުންތަކުގެ ކުލަގަދަ މާހައުލެއް އެކުލެވިގެންވާ ފުން ކަނޑުގައި ހުންނަ އެ ރެސްޓޯރަންޓްގައި ކެއުމަށް އިންސާފުކުރަން ތިބޭއިރު ފެންނަނީ ގުދުރަތީ އަދި ލޯބިވެރިންނާ ގުޅުވައިދޭ ތަފާތު މަގެއް ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

މި ރެސްޓޯރެންޓަށް ވަދެވޭނީ އޮބްލޫ ސިލެކްޓް ލޮބިގިލީ އާއި އޮބްލޫ އެކްސްޕީރިއަންސް އައިލާފުށި ދެމެދުގައި އޮންނަ ލަކުޑި ޖެޓީއަކުންނެވެ. ގެސްޓުން ކަނޑުގެ 6.8 މީޓަރު އަޑިއަށް ފައިބާއިރު، ދައުވަތު ދޭ ޑިސްޕްލޭއެއްގައި ޝެފުންގެ ހުނަރު ދައްކުވައިދޭ އޯޕަން ކިޗަން ހުރަސްކޮށް، ވަންނައިރު ކެނަޕްތަކާއި ސްޕާކްލިން ވައިން މަރުހަބާ ކިޔަ އެވެ.

ކަނޑުދިރުންތައް އިތުރަށް ފުރިހަމަ ކުރުމަށް އެކި ކުލަތަކާއި، ޕެޓާންތަކާއި، ޓެކްސްޗާތައް ހިމެނޭ ގޮތަށް މުޅިން ތަފާތު "އޮންލީ ބްލޫ" ވައިބެއް އެތަނުގައި ހުރެ އެވެ. އަހުގެ ފައިގެ ބައްޓަމަށް ޑިޒައިންކޮށްފައިވާ ކޮންމެ މޭޒެއްގައި ވެސް ތިބޭ މީހުންނަށް މުރަކަ ފަރުގެ ފެންނަ ގޮތަށް ކުޑަދޮރެއް އެވެ. 190 އަކަމީޓަރުގެ ޑައިނިން ސްޕޭސްއަކާއި 46 ސީޓު ހިމެނެވެ.

މާލެއިން ފުރައިގެން 15 ވަރަކަށް މިނެޓުން ދެވޭ އޮބްލޫ ސިލެކްޓް ލޮބިގިލީ އާއި އޮބްލޫ އެކްސްޕީރިއަންސް އައިލާފުށި ރިސޯޓަކީ މާލެ އަތޮޅު އުތުރުކޮޅުގައި އޮންނަ ދެ ރިސޯޓެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ހަދާފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓްތަކަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބެ އެވެ.