ކޮވިޑް 19ގެ ސަބަބުން މޭކަޕް އިންޑަސްޓްރީއަށް އައި ބަދަލުތަކާއެކު ވިޔަފާރި ދަށްވެ، މަޝްހޫރު މޭކަޕް ބްރޭންޑެއް ކަަމަށްވާ ރެވްލޮން ބަނގުރޫޓުވެއްޖެ އެވެ.

ރެވްލޮންއަކީ މީގެ 90 ކުރިން ތައާރަފްކޮށް މޭކަޕް ބާޒާރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބްރޭންޑެކެވެ. ނަމަވެސް ފާއިތުވެ ދިޔަ ދެ އަހަރު އެކުންފުނީގެ ވިޔަފާރިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މާހިރުން ބުނާ ގޮތުގައި އެކުންފުނި ބަނގުރޫޓުވާން މެދުވެރިވީ މޭކަޕް ދާއިރާއަށް އައި ބަދަލުތަކާއެކު އުފެއްދުންތައް ބަދަލުކުރަން ނުކުޅެދުމުންނެވެ.

ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ފޭސް މާސްކު ބޭނުން ކުރުން އިތުރުވެ ލިޕްސްޓިކްއާއި މޫނުގެ މޭކަޕްއަށް އޮތް ޑިމާންޑް ދަށްވެ، ވިޔަފާރި ވެސް ވަނީ ހީނަރުވެފަ އެވެ.

އޭގެ އިތުރުން ވެސް އަލަށް ތައާރަފްވި މޭކަޕް ބްރޭންޑްތަކުން އެކުންފުންޏަށް ކުރިމަތިވަމުން އައި ވާދަވެރި ކަމަކީ ވެސް ވިޔަފާރި ދަށްވާން މެދުވެރިވި ސަބަބެކެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރު ރެވްލޮންގެ ވިޔަފާރި ޕެންޑަމިކްގެ ކުރީގެ ވިޔަފާރިއާ އަޅާބަލާއިރު 2.4 ބިލިއަން ޑޮލަރު ދަށެވެ.

ރެވްލޮންއިން ވަނީ ބަނގުރޫޓުވިކަން އިއުލާންކޮށް އެކަމުގެ އެންމެހާ ލިޔެކިޔުންތައް ނިންމަން ކޯޓަށް ހުށައަޅާފަ އެވެ