އަންނަ އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރޭ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކަމާ އެކީ ކޮވިޑް-19 ފެތުރެން ފެށިތާ ދުވަސްކޮޅެއް ފަހުން، އަދަދުތައް ދަށްވާން ފަށާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޔޫރަޕް ހުޅުވާ އިރަށް، "ވަރަށް ބޯކޮށް" ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަންނާނެ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އޭގެ ނިޝާންތައް އެބަ ފެނޭ. ބައެއް އެއާލައިންތަކުން މިހާރު ހުރި ވަރަށް ވުރެ ފްރިކުއެންސީ އިތުރު ކުރާނެކަމުގެ އުފާވެރި ހަބަރުތައް އަޅުގަނޑަށް ލިބިފައި އެބަހުރި. ދެން އިތުރުވީމަ އަޅުގަނޑުމެންނަށް އެކަންތައް އެނގޭނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ޖުމްލަ އަދަދަށް ބަލާ އިރު، ރަޝިއާ އިން އަންނަ ފަތުރުވެރިން އިތުރުވެގެން އެ ދަނީ. މިހާރު ރަޝިއާ އިން އައިސްފި މުޅި ރާއްޖެއަށް އައި ފަތުރުވެރިންގެ 20 އިންސައްތަ."

ޑރ. މައުސޫމް ވިދާޅުވީ އިރާދަކުރެއްވިއްޔާ 2021 ވަނަ އަހަރަށް އަޅުގަނޑުމެން މަރުހަބާ ކިޔާނީ ވަރަށް ބޮޑަށް އުފަލުން ތިބެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލި ފަހުން މިހާތަނަށް 60،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން އެ އަދަދު އެއް ލައްކަ އަށް އެރުވުމެވެ. އެއާ އެކު، ރާއްޖެ އަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ފަސް ލައްކަ އަށް އަރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޓޫރިސްޓަކު ރާއްޖެ އައިސް ހޭދަ ކުރާ މުއްދަތު ވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިސްޓުން ޓޫރިސްޓް ވިސާގައި ރާއްޖޭގައި ތިބެވޭ މުއްދަތު ތިން މަސް ދުވަސް މާ މަދު ކަމަށެވެ. އަދި އަދި 90 ދުވަހަށް ވުރެ އިތުރަށް އެމީހުންނަށް ތިބެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ހަގީގަތުގައި ރާއްޖޭގައި ތިބެން ތިން މަސް ދުވަސް ބައެއް ޓޫރިސްޓުންނަށް މިހާރު މަދު. އެހެންވީމަ 90 ދުވަހަށް ވުރެ ގިނަ ދުވަހު ހާއްސަ ވިސާއެއް ނުނަގައި ތިބެވޭނެ ގޮތަށް އެ ގާނޫނު ވެސް ބަދަލު ކުރަން ޖެހޭ. މި ބަދަލު ގެނައުމުން އާއްމުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރަން އަންނަ މުއްދަތު ވެސް އިތުރު ވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލު ގެނެވިއްޖެ ނަމަ ބެޑްނައިޓްސް 2019 ވަނަ އަހަރާ ގާތްގަނޑަކަށް އެއް ވަރަކަށް ޓޫރިސްޓުން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ޖުލައި މަހު ސަރުކާރުން 10،000 މީހުން އަންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް އައީ 1،500 މީހުންނެވެ. ނަމަވެސް އޭގެ ފަހުން ޓޫރިސްޓުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން މިހާތަނަށް 59,105 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދުވަނީ، ބޯޑަރު ބަންދު ކުރުމާއެކު އައި 382,760 ޓޫރިސްޓުންނާއެކު ބަލާނަމަ 441,952 އަށް އަރާފަ އެވެ.