މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ރީޖަނަލް ޕޯޓުތަކުގެ ސްޓްރަކްޗަރަށް ބަދަލުތަކެއް ގެނެސް، މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.

އެމްޕީއެލް އިން ބުނީ ކުންފުނީގެ ދަށުން މެނޭޖް ކުރަމުން އަންނަ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާ އެ ކުންފުނީގެ ބޯޑު މެމްބަރުން އިއްޔެ ބައްދަލުކޮށް އަލަށް ފާސްކުރެވުނު ޕޮލިސީތަކާއި، މުވައްޒަފުންގެ ކުރިއެރުމަށް ގެނެވުނު ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމްޕީއެލް އިން ބުނީ ހިތަދޫ ޕޯޓުގައި ބޭއްވި ބޯޑު މީޓިންތަކުގައި ވަނީ ގިނަ ޕޮލިސީތަކެއް ފާސްކޮށް ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުންގެ ހުރި ސުވާލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޯޑުން ފާސްކޮށްފައިވާއިރު، އަންނަ މަހުގެ މުސާރައާއެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލުތައް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މީގެ އިތުރުން މުވައްޒަފުންނަށް ކުރިއެރުން ވެސް ލިބިގެންދާނެ. ހަމައެހެންމެ، ކުރިޔަށް ވުރެ މާ ފުރިހަމަ ރިޓަޔަމަންޓް ޕޮލިސީ ވަނީ އެކުލަވާލާފައި. [އާލީ ރިޓަޔަރމަންޓް/ 65 އަހަރުވުމުން ރިޓަޔާކުރުން]، މީގެ އިތުރުން، މާލީ އެހީ ދޭ ޕޮލިސީ، ކޯޑް އޮފް ކޮންޑަކްޓް އާއި އިތުރު ޕޮލިސީތައް ވަނީ ފާސްކޮށްފައި،" އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބޯޑުގެ ހުރިހާ މެމްބަރުން ވެސް މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކޮށްފައިވާ ކަމަށެވެ.

އެމްޕީއެލް އިން މި ވަގުތު މެނޭޖް ކުރަނީ ހިތަދޫ ރީޖަނަލް ޕޯޓް، އަދި ކުޅުދުއްފުށީ ރީޖަނަލް ޕޯޓު އަދި މާލޭގެ ކޮމާޝަލް ހާބަރެވެ.