ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެމިލީ ލީގަލް ކްލިނިކް(އެފްއެލްސީ) އަށް 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވުނު މާލީ އެހީއެއް ކަމަށެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި އެޖަމިއްޔާއާ މި އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ އެވެ. އެ ޖަމިއްޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.

އަންހެނުން ކުރިމަތިވާ އަނިޔާއާ ދެކޮޅަށް ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން މެދުކެނޑުމެއް ނެތި، ވޭތުވެދިޔަ ހަ އަހަރު ކުރި މަސައްކަތައް ފާހަގަކޮށް ޓިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ފެމިލީ ލީގަލް ކްލިނިކް އިން މި އެހީ ބޭނުން ކުރަން ހަމަޖެހިފައިވަނީ ގާނޫނީ އެހީ ހިލޭ ބޭނުންވާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށާއި އެ ޖަމިއްޔާއިން ކުރަމުންދާ ގާނޫނީ އެހީ އާ ގުޅޭ މައުލޫމާތު ވީހާވެސް ބޮޑަށް އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށެވެ. އަދި މީގެ އިތުރުން އެ ޖަމިއްޔާއިން ހިންގާ ލީގަލް އެއިޑް ޕްރޮގްރާމްގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށް ވެސް މި އެހީ ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.