ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން އިކުއިޒިޝަން ފީގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޢާމްދަނީ އިތުރުކުރުމަށް ޓޫރިޒަމްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އިސްލާހުތަކާއެކު ޓޫރިޒަމް ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެ އިސްލާހުގައި ބުނެފައިވާ ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ސަރުކާރުން ހުށަހަޅާފައި ވަނީ، ދައުލަތުގެ ދަރަނި ބޮޑުވެ، ވިހާވެސް އަވަހަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ތައާރަފްކުރުމާ ގުޅޭގޮތުން އެކަންކަން ކުރާ އިންވެސްޓަރުންނާއެކު ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ތިން ހެކްޓަރު ނުވަތަ ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކްއިޒިޝަން ފީއެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ދަރަނި ބޮޑުވާހަކަ އެންމެން މިފާހަގަކުރަނީ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މިހާރު ވެސް ކުރިއަށް އެބަދޭ. ޕްރައިވެޓް އައިލެންޑް ވަރަށް ބޮޑެތި މުއްސަނދިންނަށް، ޓޫރިޒަމްގެ ބޭނުމަކަށް ނޫން މިގާނޫނުން މިދެނީ،" ފައްޔާޒު ވިދާޅުވި އެވެ. "ދެން ދުނިޔޭގެ ވަރަށް ގިނަ ތަންތާ ކުރާކަމެއް ވަރަށް ރަނގަޅު މޮޑެލެއްގައި ކުރެވޭކަމެއް މިއީ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ ވަރަށް ލިމިޓެޑް އެޑިޝަންއެއްގެ ގޮތުގައި މަދު ރަށްކޮޅެއް އުފައްދައިގެން ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެކަމަށް."

ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވަ އިސްލާޙުތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި ގެސްޓްހައުސް ފަދަ ތަންތަނުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިން ވިއްކައިގެން ވެސް އާމްދަނީ އިތުރުކުރުމަށް ވެސް ހިމަނާފައިވެ އެވެ.

ޖުމްލަ 20 އިސްލާހެއް ހިމެނޭ މިބިލާ ގުޅޭގޮތުން މަޢުލޫމާތު ސާފްކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވެސް ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި އެވެ.

ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހާ ބެހޭ ގޮތުން މިނިސްޓަރު މައުސޫމް މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ޕްރައިވެޓް އައިލެންޑް ހެދުމަށް ދޫކުރާނީ މިހާރު ހުރި ރަށްތައް ނޫންކަމަށާ، އެއީ ފަޅުން ބައެއް ބޭނުންކޮށްގެން ހިންގޭ މަޝްރޫއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮންމެ އަހަރަކު ލޭންޑް ރެންޓްގެ ގޮތުގައި އެތަންތަނުން އާމްދަނީ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރައިވެޓް އައިލެންޑް، އެކަންތައް ކުރުމުގައި ވެސް ދިވެހިއްޖޭގައި މިހާރު އުފެދިފައިވާ އެއްވެސް ރަށެއް ބޭނުންނުކޮށް އަޅުގަނޑުމެންގެ މިއޮއް 99.67 ޕަސެންޓަކީ ކަނޑު ފަޅުތަކުގެ ކޮންމެސް ބައެއް ބޭނުންކޮށްގެން ކުރިއަށް ގެންދާ މޮޑެލެއް. އެއީ ސީދާ ފަތުރުވެރިކަމަށް ދޭ ރަށްރަށެއް ނޫން. ލަގްޒަރީ ވިލާ އެއަރަށެއްގައި ހުރުމުގެ ބަދަލުގައި ޕްރައިވެޓް އައިލެންޑެއް ދޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީކުރާ ސަރަހައްދުތަކުން، ބިމު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް އެއް ޑޮލަރު ލިބޭގޮތަށް އިސްލާހުގައިވެ އެވެ.