ކޮވިޑާ ހެދި މިދިޔަ ދެ އަހަރު ގެއްލުންވިޔަސް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިހާރު އެ ކަޑައްތުކުރަނީ ގެއްލުމުން އަރައިގަތުމުގެ މަރުހަލާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އެއާލައިނަށް ކޮވިޑާ ހެދި ދަތުރުފަތުރުކުރުން މަދުވެ، ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވުމާ ގުޅިގެން މިދިޔަ ދެ އަހަރު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުވި ގެއްލުން 159 މިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.

ގައުމީ އެއާލައިން މިއޮށްދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށާއި ފަތުރުވެރިކަމުގެ ފައިދާ މޯލްޑިވިއަންއަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރުމުން ކަމަށް ބުނެ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޕޮލިސީ ސެކްރެޓަރީ ވިދާޅުވީ ކޮވިޑްގެ ކުރިން ހަމަ މި ސަރުކާރުގައި ކުންފުންޏަށް ފައިދާވި ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގިނަ އެއާލައިންތަކެކޭ ގޮތަށް ކޮވިޑްގެ މި ދެ އަހަރު ބޮޑެތި ގެއްލުންތައް އެ ކުންފުންޏަށް ވެސް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންގެ ވަޒީފާ ދެމެހެއްޓުމަށާ ގައުމީ އެއާލައިންއަށް ވި ގެއްލުން ކުޑަކުރަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން. ދުނިޔޭގެ ވަރަށް ގިނަ އެއާލައިންތައް ކޮވިޑާއެކު ހުއްޓި ބަނގުރޫޓުވި. ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް މީހުން އުފުލުމާ، ބޭހާ އެހެނިހެން މުހިއްމު ތަކެތި ރާއްޖެއަށް އުފުލައިދިނީ ގައުމީ އެއާލައިންއިން،" ހަމްދާން ވިދާޅުވި އެވެ. "އައިއޭއެސް އިން މިހާރު އެ ކަޑައްތުކުރަނީ ރިކަވަރީ ފޭސް."

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ ދެވަނަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، އެހާ ބޮޑު ގެއްލުމެއްވީ އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ގެއްލުންވިޔަސް މޯލްޑިވިއަންއަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މޯލްޑިވިއަން ހިންގާ އައިއޭއެސްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކޮށްފައިވާ 16 އެއާޕޯޓުގެ ތެރެއިން 13 އެއާޕޯޓަށް މޯލްޑިވިއަންއިން ދަތުރުކުރެ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު މޯލްޑިވިއަންއަށް ބޮޑު ގެއްލުމެއްވި އެވެ. އެގޮތުން އެ އަހަރު އެކަނި އެ ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.