ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިިން ރާއްޖޭގައި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑެތި އިންވެސްޓްކުރާ ބިދޭސީންނަށް ރާއްޖޭގައި ތިބުމަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

މަޖިލިހުން މިމަހު ފާސްކުރި ބިލަކީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސް، ބޭރުގެ ފަރާތަކުން ރާއްޖޭގައި ސަރުކާރުން ކަނޑައަޅާ ވަކި އުޞޫލެއްގެ މަތިން 250،000 ޑޮލަރު ދިވެހި ރުފިޔާ އިންވެސްޓުކުރާ ފަރާތަކަށް ކޯޕަރޭޓް ރެޒިޓެންޓް ވިސާ ލިބޭ ގޮތް ހެދުމަށް ސަރުކާރުން ހުށަހެޅި އިސްލާހެކެވެ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބޭރުގެ އިންވެސްޓުމެންޓްތަކުގެ ހިއްސާދާރުންނާއި، ޑިރެކްޓަރުންނާއި އިސްވެރިންނަށް ވެސް މި އިސްލާހުގެ ދަށުން ކޯޕަރޭޓު ރެސިޑެންސް ވިސާ ލިބޭނެ އެވެ.

ރާއްޖޭގައި އިންވެސްޓުކުރުމުގެ އިތުރުން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓެއްގައި ފިކްސްޑް ޑިޕޮސިޓެއްގެ ގޮތުގައި 250،000 ޑޮލަރު ބަހައްޓާ ފަރާތްތަކަށް ވެސް ކޯޕަރޭޓް ރެޒިޓެންސީ ވިސާ ލިބޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެ ވިސާއަކީ ފަސް އަހަރުގެ މުއްދަތަކަށް ދޭ ވިސާއެއް ނަމަވެސް ޝަރުތު ފުރިހަމަވާ ނަމަ، އެ ވިސާގެ މުއްދަތު އިތުރުކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ކުރިންވެސް ދެމުން އައި ގޮތަށް ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނާއި، ދިވެހިން ބިދޭސީންނާއި ކާވެނިކޮށްގެން ލިބިފައިވާ ދަރިންނަށް ވެސް ރެޒިޑެންސް ވިސާ އެ ގާނޫނުގެ ދަށުން ލިބޭނެ އެވެ.

މި ވިސާ ދިނުމަށް ކަނޑައެޅި އަދަދަކީ ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުން ކުރާ އިންވެސްޓުމެންޓުތަކުގެ ނިސްބަތުން ކުޑަ މިންވަރެއް ކަމުގައި ބުނެ އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ. ކުރީ ސަރުކާރުގައި ކޯޕަރޭޓް ރެޒިޑެންސީ ވިސާ ދެނީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓުކުރާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ގިނަ ޚާއްސަ އިމްތިޔާޒުތަކެއް ލިބޭ ގޮތަށް ގަވާއިދެއް ހަދާފައިވެ އެވެ. އެ ގަވާއިދުގެ ދަށުން 250،000 ޑޮލަރު އިންވެސްޓުކުރާ ފަރާތްތަކަށް ވެސް މިހާރު ހަމަ އެ ލުއިތަކާއި އިމްތިޔާޒުތައް ލިބޭނެ އެވެ.

އެ ބިލް ރައީސް ސޯލިހް ތަސްދީގު ކުރެއްވުމާ އެކު، މިއަދުން ފެށިގެން ގާނޫނަކަށް ވެ ވަނީ އަމަލު ކުރަން ފަށައިފަ އެވެ.